ޑެންގީ ޖެހުނު ތުއްތު ކުއްޖެއްގެ ފުރާނައަށް ނުރައްކާވާ ހާލަތަށް، ކުޅުދުއްފުށި ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު

ތުއްތު ކުއްޖާގެ އަތަށް ކެނިއުލާ ގުޅަން އުޅުމުގެ ތެރެއިން މަސްގަނޑަށް ލޭ އެޅިފައި --

ޑެންގީއަށް ޕޮޒިޓިވްވެ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިން އަށް މަހުގެ ތުއްތު ކުއްޖަކަށް ހޮސްޕިޓަލުން އިހުމާލުވެފައި ވާކަމަށް އާއިލާއިން ތުހުމަތު ކޮށްފިއެވެ.

މިހާދިސާ ހިނގައިދިޔަ ގޮތް ތުއްތު ކުއްޖާގެ އާއިލާ މީހަކު ވަނީ "ސަން"އާ ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި ތުއްތު ކުއްޖާ ބަލިވެގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ކުއްޖާ ގެއަށް ފޮނުވާލީ ބޭސް ދިނުމަށް ފަހު ރަނގަޅު ނުވާނަމަ އަލުން އަންނަން ބުނެފައެވެ.

ކުއްޖާގެ ހާލު ރަނގަޅު ނުވެ ހޮޑު ވެސް ލެވެން ފެށުމުން ބެލެނިވެރިން އަނެއްކާ ވެސް ކުއްޖާ ޑޮކްޓަރަށް ދެއްކިއެވެ. އެ ދުވަހު އެއީ ވައިރަލް ހުމެއް ކަމަށް ބުނުމަށް ފަހު ޑޮކްޓަރު ކުއްޖާ ފޮނުވާލީއެވެ.

"ގޭގައި ވަރަށް އެކްޓިވްކޮށް އުޅޭ ބޭބީއެއް އެއީ. އެކްޓިވްކޮށް އުޅޭ ބޭބީއެއް ދެން އެހެން އޮންނާތީ، އަނެއްކާ ހޮޑު ވެސް ލެވުން އެހެންވީމަ އަނެއްކާ އެހެން ދުވަހަކު ގެންދިޔައީ. ވަރަށް ހާލު ދެރަކޮށް ބަލާ މީހަކަށް ވެސް ފެންނަނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެދުވަހު ވެސް ޓެސްޓު ނުހަދާ ކުއްޖާ ފޮނުވާލީއެވެ. ކުއްޖާގެ ހާލަތު ދެރަވަމުން ދާތީ މިމަހުގެ 12 ވަނަ ދުވަހުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ފަސް ވަރަކަށް ފަހަރަށް ޑޮކްޓަރަށް ދައްކަން ގޮސްފައި ވާނެކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތުއްތު ކުއްޖާގެ ހާލަތު އިތުރަށް ދަށްވާތީ އެކުއްޖާގެ މައިންބަފައިން އެންމެ ފަހުން ކުއްޖާ ޑޮކްޓަރަށް ދައްކަން ދިޔައީ މިދިޔަ ހޯމަދުވަހުގެ ހެނދުނެވެ.

ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ -- ކުޅުދުއްފުށި އޮންލައިން

"އެދުވަހު އީއާރަށް ގޮސްފައި ބޭބީގެ މަންމަ ބުނީ ޓެސްޓު ނަހަދައެއް ނުދާނަމޭ، މިވަރު މި ވަނީ ކޮންމެވެސް ކަމެއް ވީމައޭ. ޓެސްޓު ހަދަން ބޭނުމޭ. ބުނީމަ ޓެސްޓު ހެދުވީ. އެދުވަހު ވެސް އެކޮޅުން އުޅުނު ބޭބީއެއްގެ ޓެސްޓު ހަދަން ވަރަށް އުނދަގޫ ވާނެއޭ ކިޔާފަ ޓެސްޓު ނަހަދާންވެގެން،" އޭނާ ބުންޏެވެ.

ހޮސްޕިޓަލުން އެމީހުން ގެއަށް ފޮނުވާލީ ޓެސްޓުގެ ނަތީޖާ ލިބޭނީ މެންދުރު ދޭއްޖަހާއިރު ކަމަށް ބުނެފައެވެ. އެހެންކަމުން އަނެއްކާ ވެސް ބެލެނިވެރިން ދޭއް ޖެހި އިރު ހޮސްޕިޓަލަށް ދިޔައީ ނަތީޖާ ބަލައެވެ.

"ބޭބީ ގޮވައިގެން ޓޫގަ ދިޔައިރު، ޑެންގީއަށް ޕޮޒިޓިވް. ރިޕޯޓު ހަމަ ވަރަށް ގޯސް. ލިވާ ފަންކްޝަން ދަށްވެފައި، ކިޑްނީ މައްސަލަ ވެސް ހުރި،" ޑެންގީއަށް ތުއްތު ކުއްޖާ ޕޮޒިޓިވް ވުމުން ވަގުތުން އެޑްމިޓް ކޮށް، ފަރުވާ ދޭން ފެށިކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ކުއްޖާއަށް ވަގުތުން ފަރުވާދޭން ފެށީ އައިސީޔޫގައެވެ. އައިސީޔޫއަށް ކުއްޖާ ލާވާހަކަ ބުނުމުން އާއިލާއިން އެދުނީ މާލެ ގެންދިއުމަށެވެ. ނަމަވެސް، މާލެ ގެންދިއުމާމެދު ގޮތެއް ނިންމޭނީ ދެވަނަ ފަހަރަށް ޓެސްޓުތައް ހެދުމަށް ފަހު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ދެވަނަ ފަހަރަށް ޓެސްޓު ހަދަން ހަވީރު ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ އެރޭ ހަތެއް ޖަހާ އެހާއިރެވެ. ދެވަނަ ޓެސްޓުތަކުގެ ނަތީޖާއިން އިނގުނީ ކުއްޖާގެ ހާލު އިތުރަށް ދަށްވަމުން އައި ކަމެވެ. އެގޮތުން ކުއްޖާގެ ޕްލޭޓްލެޓާއި ލޭ ވެސް ވަރަށް މަދުކަން ދެވަނަ ޓެސްޓުތަކުގެ ނަތީޖާއިން އެނގުނެވެ.

އެހެންކަމުން އާއިލާއިން އަވަސްވެގަތީ ކުއްޖާ މާލެ ގެނައުމަށެވެ. އެއާ އެމްބިއުލާންސްގައި ހޯމަ ދުވަހުގެ ދަންވަރު 12:30ގައި ކުއްޖާ މާލެ ގެނައުމުގެ އިންތިޒާމުތައް ފަސޭހަކަމާ އެކު ހަމަޖެހުނުކަން އާއިލާއިން ފާހަގަ ކުރިއެވެ.

"12:30ގައި އެއާޕޯޓަށް ދާން ރެޑީވާން މަންމަ ބޭބީ ކައިރިން ދުރަށް ދިޔައީ. އެގަޑީގަ ބޭބީއަށް ލޭ ގުޅީ. ބޭބީ މަންމަ އައިސް ވަތް އިރު ވެސް މަންމައަށް އެނގުނު ބޭބީ ދުޅަވެފަ ހުރިކަން. އެކަމަކު ހީކުރީ އެއީ ރޮވިފައި ހުރީމަ ކަމަށް،" އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

ގުޅާފައި ހުރި ކެނިއުލާ ގުޑައިގެން ކުއްޖާގެ އަތަށް ކެނިއުލާ ގުޅިތަން ވަރަށް ބޮޑަށް ދުޅަވެފައި ހުރި މަންޒަރު މަންމައަށް ފެނުނީ ފުރަން ގެންދަށް ހޮސްޕިޓަލުގެ ލިފްޓަށް އެރި ވަގުތެވެ.

"ބޭބީ ގެންދަން އައިސް އެމީހުން ޗެކް ކުރި ނަމަވެސް، އެމީހުންނަށް ބޭބީ އަތަށް އެހެން ވެފައި ހުރިކަން އިނގޭނެދޯ. ކެނިއުލާ ބެންޑް ވެގެން މަސްގަނޑު ތެރެއަށް ލޭ ގޮސްފަ ހުރީ،" އާއިލާއިން ބުންޏެވެ.

މިދިޔަ ހޯމަދުވަހު ދަންވަރު ގަޑީގައި ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ފެށިއެވެ. އެ ހޮސްޕިޓަލުން މިއަދު ބުނީ ކެނިއުލާ ގުޅުމުގެ ތެރޭ މަސްގަނޑަށް ލޭއެޅިފައި ހުރިތަން ރަނގަޅު ނުވާ ނަމަ ކުއްޖާގެ އަތް ސާޖަރީ ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ކުއްޖާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. އާއިލާއިން ތުހުމަތު ކުރަނީ ކުއްޖާއަށް ފަރުވާ ދިނުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިހުމާލުވެފައި ވާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކަން ދިޔަ ދުވަހު ޓެސްޓު ހެދި ނަމަ، ކުއްޖާގެ ހާލު މިހާ ސީރިއަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭކަމަށް އާއިލާއިން ބުންޏެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ހޯދަން ހޮސްޕިޓަލަށް ގުޅިނަމަވެސް، ފޯނަށް ޖަވާބު ނުދޭތީ ހޮސްޕިޓަލުގެ ބަހެއް ނުލިބުނެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް މަދުން ނަމަވެސް ހިނގައި، ކުޅުދުއްފުށި ހޮސްޕިޓަލަށް އިހުމާލުގެ އިނގިލި ދިއްކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް