ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން މިފަހަރު ނުކުތީ ހުސް އަންހެން އޮފިސަރުން

އިމިގްރޭޝަންގެ އަންހެން އޮފިސަރުން --

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ އަންހެނުން ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނަށް ނުކުމެފައި ވަނީ ހުސް އަންހެން އޮފިސަރުން ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

މިއީ އިމިގްރޭޝަންގެ ދިގު ތާރީޚުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ރެއިޑް އޮޕަރޭޝަނަށް ވާއިރު، މިއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަހީދުގެ އިރުޝާދުގެ ދަށުން ގެންގޮސްފައިވާ އޮޕްރޭޝަނެކެވެ.

މި އޮޕަރޭޝަންގައި މާލޭގެ އަށް ތަނަކާއި، ހުޅުމާލޭގެ ހަ ތަނެއް ބެލިއެވެ. އަދި އިމިގްރޭޝަންގެ ޤާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގިއެވެ.

މީގެތެރޭގައި ހިމެނެނީ، ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންކަން އިމިގްރޭޝަނުން ފާހަގަ ކުރިއެވެ.

މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން، ހޯމް މިނިސްޓްރީން ވަނީ މި މައްސަލަ ހައްލުކުުރުމަށް ޓާސްކް ފޯހެއް އެކުލަވާލައިފައެވެ.

މި ޓާސްކް ފޯހުން މިހާތަނަށް ވަނީ ޖުމްލަ 33 އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިއަ 1700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލައިފައެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމަޢު ރައްކާތެރިކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް