ދުފާ ސާމާނު ތައްޔާރުކުރާ ތަނަކުން ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ދުފުމުގައި ބޭނުންކުރާ ސާމާނާއި ކާބޯތަކެތި ގަވާއިދާ ޚިލާފަށް ތައްޔާރު ކުރަމުން އައި ތަނެއް ބަލައިފާސްކޮށް، އިތުރު ދެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި -- ފޮޓޯ/ އިމިގްރޭޝަން

ދިވެހީން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެއްޗާއި ޑެލިވަރީއަށް ކާބޯތަކެތީގެ ޚިދުމަތް ދިން ތަނެއް ބަލައިފާސްކޮށް، ދެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ ދެ ތަން ބަލައިފާސްކުރީ ގަވާއިދާ ޚިލާފަށް ދުފުމުގައި ބޭނުންކުރާ ސާމާނު ތައްޔާރުކޮށް އަދި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެ ގޮތުން ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނުގައި ކުރަމުން އައި ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އެ ރެއިޑުގައި ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ވެސް އިމިގްރޭޝަނުންވަނީ ގަރާޖެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ ގޮތުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެ، ނުގަވާއިދުން ވިޔަފާރިތައް ހިންގަމުން އަންނަ ބިދޭސީންނާ މެދު އިމިގްރޭޝަނުގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3،322އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖޭގައި ބިދޭސީ ފަރާތްތައް ވަޒީފާގައި ގެންގުޅެވޭ ގާނޫނަށް އިސްލާހު ގެނެސް، މިއަދުވަނީ އެ ގާނޫނަށް އަމަލު ކުރަން ވެސް ފަށައިފައެވެ.

comment ކޮމެންޓް