ބިގް ބޮސް 17 ކާމިޔާބުކުރި މުނައްވަރު ކައިވެނިކޮށްފި

މުނައްވަރު އަދި އަންހެނުން މެހެޒަބީން--ފޮޓޯ/އިންޑިއާ ފޯރަމްސް

ކަލާސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 17 ވަނަ ސީޒަން ކާމިޔާބުކުރި މުނައްވަރު ފާރޫގީ ކައިވެނިކޮށްފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މުނައްވަރު ކައިވެނިކޮށްފައިވަނީ ވެސް ސިއްރިއްޔާތުގައެވެ. ބެލެވޭ ގޮތުގައި މުނައްވަރު ކައިވެނިކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރިއަލިޓީ ޝޯ "ބިގް ބޮސް" ކާމިޔާބުކޮށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ސްޓޭންޑް އަޕް ކޮމީޑިއަންގެ މިއީ ދެވަނަ ކައިވެންޏެވެ. މުނައްވަރުގެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު ޖޭސްމީން ނަމަކަށް ކިޔާ މީހަކާއެވެ. މި ކައިވެނި 2022 ގައި ރޫޅުނުއިރު ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވެއެވެ.

މުނައްވަރު 'ބިގް ބޮސް'ގެ 17ވަނަ ސީޒަންގެ ހޯސްޓް ސަލްމާން ޚާންއާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް
ރިޕޯޓުތައް ބުނާގޮތުން މުނައްވަރުގެ ދެވަނަ ކައިވެނި ކުރެވުނު މެހެޒަބީން ކޯޓުވާލާއަކީ މެމަން ކޮމިއުނިޓީއަށް ނިސްބަތްވާ ދެކުނު މުމްބާއީގައި ދިރިއުޅެމުން އަންނަ މީހެކެވެ.

މުނައްވަރަށް ތާއީދުކުރާ ބަޔަކު އުފައްދާފައިވާ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކައިވެނިކޮށްފައިވާކަން އިއުލާނުކޮށް ކައިވެނީގެ ރަސްމިއްޔާތަށް ފަހު ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކައިވެނީގެ ހަފުލާއަށް ފަހު މުނައްވަރު ވަނީ މި ހަފުތާގެ އާދީއްތަ ދުވަހު ކައިވެނީގެ ރިސެޕްޝަން ހަފުލާ ވެސް އިންޑިއާގެ މުމްބާއީގައި ބާއްވާފައެވެ.

comment ކޮމެންޓް