ބޮލީވުޑް ތަރިންތައް ވެސް އިޒްރޭލާ ދެކޮޅަށް ނުކުމެއްޖެ

ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން--ފޮޓޯ/ފިލްމުފެއަ

މިދިޔަ އާދީއްތަ ދުވަހު ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހަށް އިޒްރޭލުން ދިން ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަޑުއުފުލަން ފަށައިފިއެވެ.

ފިލްމު އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ބަޔަކު އިޒްރޭލާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަން ފަށާފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން އިންޑިއާއަށް ނިސްބަތްވާ މަދު ފިލްމީ ތަރިންތަކެއް ފިޔަވާ ގިނަ ބަޔަކު މި މައްސަލައިގައި ހިމޭނުން ތިބި ކަމެވެ.

ޚާއްސަކޮށް ބޮލީވުޑްގެ ގިނަ ފިލްމީ ތަރިންތަކެއް އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމުގެ ސިލްސިލާއެއް ސޯޝަލް މީޑިއާގައި ފަށާފައިވަނީ ވަރަށް ގިނަ ބަޔަކު އިންޑިއާގެ ފިލްމީ ތަރިން ބޮއިކޮޓްކުރުމަށް ވެސް ސޯޝަލް މީޑިއާގައި ގޮވަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވި އިންޑިއާގެ ސައުތު ސިނަމާގެ ފިލްމީ ތަރިއެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އާދީތައް ދުވަހު ޣައްޒާގެ ރަފަޙް ސަރަޙައްދުގެ ކޭމްޕްތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ހިޔާވަހިކަން ހޯދައިގެން ތިއްބާ އިޒްރޭލުން ދިން ވައިގެ ހަމަލާގައި ކޭމްޕްތަކުގައި ރޯވެ 45 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ޙާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އިޒްރޭލާ ދެކޮޅަށް އުފުލަމުން އަންނަ އަޑުތައް ގަދަވެ ރަފަޙް ސަރަޙައްދުގައި މިވަގުތު ހިޔާވަހިކަން ހޯދައިގެން ތިބި ރައްޔިތުންގެ ސަލާމަތްކަން ކަށަވަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ވަރަށް ވަރުގަދަ ކެމްޕޭންތަކެއް ފަށާފައެވެ.

މި ކެމްޕޭންތަކުގައި ބައިވެރިވެ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށް ގޮވާލާފައިވާ ތަރިންތަކުގެ ތެރޭ ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، ކަރީނާ ކަޕޫރުގެ ދެބެއިން، ވަރުން ދަވަން، ވީރު ދާސް، ސޯނަމް ކަޕޫރު، އެޓުލީ، ދިޔާ މިރުޒާ، ބިޕާޝާ ބާސޫ އަދި މަދޫރީ ޑިކްސިޓް ފަދަ ތަރިން ހިމެނެއެވެ.

'އެންމެންގެ ނަޒަރު ރަފާޙް'ގެ ނަމުގައި ސޯޝަލް މީޑިއާގައި މި ވަގުތު ޓްރެންޑްވެފައިވާ އޭއައި ޖެނެރޭޓެޑް ޕޯސްޓު ރީޕޯސްޓު ކުރަމުން ބަތަލާ ކަރީނާ ބުނެފައިވަނީ، މިދިޔަ އާދީތައް ދުވަހު ދިން ހަމަލާއާ ގުޅިގެން ފެނުނު މަންޒަރުން ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށެވެ.

ހަތް މަސް ދުވަސް ވަންދެން ޣައްޒާގެ އެތައް ހާސް ބަޔަކު ޝަހީދުވެ، ޒަޚަމުވަމުންދާ މަންޒަރު ފެނިގެން ގޮސްފި ކަމަށާއި މި ވަގުތުން ވަގުތަށް އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ކަރީނާ ވަނީ ގޮވާލާފައެވެ. ކަރީނާގެ އިތުރުން ބަތަލާ ރިޗާ ޗައްދާ ބުނެފައިވަނީ އިޒްރޭލަށް ތާއީދުކުރާ ކޮންމެ މީހަކީ ފަލަސްތީނުގައި ޝަހީދުކުރަމުންދާ ކުޑަކުދިންގެ މަރުގެ ޒިންމާ ނަގަންޖެހޭނެ ބައެއް ކަމުގައެވެ.

އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެތައް ބަޔަކު އަޑު އުފުލަމުން ދިޔަ ނަމަވެސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ފަރާތުން އެކަމާ ދެކޮޅަށް އަޑުއުފުލި މަންޒަރު އޭރު ފެނިފައެއް ނުވެއެވެ.

އިޒްރޭލުން ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް