ބޮލީވުޑްގެ ރީތި ލޯބީގެ ފިލްމު "އާޝިޤީ"ގެ ތިން ވަނަ ފިލްމުން ބަތަލާ ތުރިޕްތީ ދިމްރީ ވަކި ކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއަތަކުން ފަތުރަމުން އަންނަނީ ދޮގު ޚަބަރު ތަކެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނޫރާގު ބާސޫ ބުނެފިއެވެ.
ބަތަލާ ތުރިޕްތީ ފިލްމުން ވަކި ކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ބުނެފައި ވަނީ މި ފިލްމުގެ 'ލުކް ޓެސްޓު'ތައް ވެސް ތުރިޕްތީ ފުރިހަމަކުރި ފަހުންނެވެ. މި ޚަބަރުތަކާ ގުޅިގެން އަނޫރާގު ބުނެފައި ވަނީ ތުރިޕްތީ ފިލްމުން ވަކި ނުކުރާ ކަމަށާއި އެކަން ތުރިޕްތީއަށް އެނގޭނެ ކަމަށެވެ.
އަނޫރާގު ފިލްމާ ގުޅޭގޮތުން މިގޮތަށް ވާހަކަ ދެއްކުމުން އެކްޓަރު ކާތިކް އާރްޔަންއާ އެކު ފިލްމުން ފެންނާނީ ބަތަލާ ތުރިޕްތީކަން މިހާރު ކަށަވަރު ވެފައިވާ ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ. މީގެކުރިން ފިލްމުން ފެންނާނެ ބަތަލާ އަކީ ކާކުކަން ކަށަވަރުނުވެ އެކަން މީޑިއާތަކުގެ މެދުގައި ވަނީ ބޮޑު ބަހުސަކަށްވެފައެވެ.
ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "އާޝިޤީ" ސީރީސްގެ ތިން ވަނަ ފިލްމުން ތުރިޕްތީ ވަކިކޮށްފައި ވަނީ ފިލްމު "އެނިމަލް"ގައި ބަތަލާ ކުޅުނު ރޯލަކީ ބެލުންތެރިން މާބޮޑަށް ބަލައިނުގަތް ރޯލެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
އެއީ ތުރިޕްތީއަށް އިހުތިރާމް ކުޑަކުރުމުގެ އަމަލެއް ކަމަށާއި އޭގެ ސަބަބުން ބަތަލާގެ ފިލްމީ ކެރިއަރަށް ވެސް އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ތުރިޕްތީގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
ފިލްމު "އެނިމަލް"އަށް ފަހު ބޮލީވުޑްގެ ގިނަ ފުރުސަތު ތަކެއް ތުރިޕްތީއަށް ހުޅުވުނު އިރު މިހާތަނަށް އޭނާ ވަނީ ފުލުފުލުގައި ހަތަރު ފިލްމަކުން ފެނިފައެވެ.
އޭގެތެރޭގައި ކާތިކް އާރްޔަންއާ އެކު ކުޅުނު ފިލްމު "ބޫލް ބުލައްޔާ 3" ވެސް ހިމެނެއެވެ. ތުރިޕްތީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމުތަކުގެތެރޭ ދަރުމާ ކުންފުނީގެ ލޯބީގެ ފިލްމު "ދަޅަކް"ގެ ސީކުއަލް "ދަޅަކް 2" ހިމެނެއެވެ.