އިންޓަނޭޝަނަލް މޫވީ ޑާޓާބޭސް (އައިއެމްޑީބީ)ގެ 'މޯސްޓު ވިއުޑް އިންޑިއަން ސްޓާ އޮފް ދަ ލާސްޓް ޑިކޭޑް'ގެ ލިސްޓުގެ އެންމެ ކުރިން ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން ޖާގަ ހޯދައިފިއެވެ.
ބަތަލާ ދީޕިކާ ޕަދުކޯން މި ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވަނީ ކުރިން ލިސްޓުގެ އެންމެ ކުރި ހޯދި ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ފަހަތަށް ޖައްސާލުމަށް ފަހުއެވެ.
'މޯސްޓު ވިއުޑް އިންޑިއަން ސްޓާ އޮފް ދަ ލާސްޓް ޑިކޭޑް'ގެ ލިސްޓުގައި ހިމެނޭ ތަރިންގެ މައުލޫމާތު އައިއެމްޑީބީން އެއްކޮށްފައިވަނީ 2014ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އެ ވެބްސައިޓް މެދުވެރިކޮށް އެންމެ ގިނަ ބަޔަކު މައުލޫމާތު އެއްކޮށްފައިވާ ފިލްމީ ތަރިންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ކޮންމެ ހަފުތާއަކު އެއް ފަހަރު އައިއެމްޑީބީ ބަލައި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް ވަކި ގިންތިތަކަކަށް ބަހާލެވިފައިވާ މި ލިސްޓުގައި ބޮލީވުޑްގެ އިތުރުން ސައުތު ސިނަމާގެ ފިލްމީ ތަރިން ވެސް ހިމެނެއެވެ. މި ގިންތިތައް ކަނޑައަޅަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިއެމްޑީބީގެ ވެބްސައިޓަށް މަހަކު ޒިޔާރަތްކުރާ 250 މިލިއަނަށްވުރެ ގިނަ މީހުންގެ އަސްލު ޕޭޖް ވިއުސް މެދުވެރިކޮށެވެ.
އައިއެމްޑީބީގެ މި ލިސްޓުގެ ކުރިން ޖާގަ ލިބުމާ ގުޅިގެން އެ ކަމަށް ޚާއްސަ އެވޯޑެއް ވެސް ދީޕިކާއަށް ވަނީ ލިބިފައެވެ. އެކަން އިއުލާނުކުރަމުން ދީޕިކާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަތަލާއަށް ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށް ކުރިމަގުގައި ވެސް ބެލުންތެރިންގެ ފަރާތުން ލޯތްބާއި ތަރުހީބު ލިބޭނެކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.
ފިލްމީ ކެރިއަރުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް ބެލުންތެރިންގެ ފަރާތުން ދޭ ލޯތްބާއި ތަރުހީބުކަން އަލަތު ދަރިފުޅަށް ބަލިވެންއިން ބަތަލާ ވަނީ ފާހަގަކޮށްފައެވެ.
ދީޕިކާގެ އިތުރުން މި ލިސްޓުން ޖާގަ ހޯދި ފިލްމީ ތަރިންގެތެރޭ އައިޝްވާރިޔާ ރާއި، އާލިއާ ބަޓް، ނަޔަންތާރާ، ދަނުޝް، އައްލޫ އަރުޖުން އަދި ކުރީގެ އެކްޓަރު އިރުފާން ޚާން ހިމެނެއެވެ.