އިސްރާއީލްގައި ހުންނަވާ ބްރެޒިލްގެ ސަފީރު އަނބުރާ ގެންގޮސްފި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ. ފޮޓޯ/އަލް ޖަޒީރާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މަސްތަކެއް ވަންދެން އުފެދުނު ހަމަނުޖެހުންތަކަށް ފަހު ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިސްރާއީލުގައި ހުންނަވާ އެގައުމުގެ ސަފީރު އަނބުރާ ގައުމަށް ގެންދަވައިފިއެވެ.

ބްރެޒިލުން އެގޮތަށް އިއުލާނުކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ގެޒެޓްގައެވެ. އެކަމާ ގުޅިގެން އިސްރާއީލުން އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

ލޫލާ އަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ސަފީރު ފްރެޑެރިކޯ މޭޔަ މިހާރު ވަނީ ޖެނީވާއަށް ބަދަލުކޮށްފައެވެ.

ބްރެޒިލް އާއި ކޮލަމްބިއާ އިން ވެސް ވަނީ ޣައްޒާއަށް ދިން ހަމަލާއަކީ ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފު ކަމެއް ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަށް ތާއީދުކޮށްފައެވެ.

އިސްރާއީލުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި ކުށެއްނެތް މައުސޫމު ރައްޔިތުން މަރަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ވިލާތުގެ ބައެއް ގައުމުތަކުންވެސް އަންނަނީ ފަލަސްތީނަށް ތާއީދުކޮށް ވާހަކަދައްކަމުންނެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނޯވޭ، ސްޕެއިން އަދި އަޔާލޭންޑުން އަންގާރަ ދުވަހު ވަނީ ރަސްމީކޮށް ބަލައިގެންފައެވެ.

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކަށް އަށް މަސް ދުވަސް ވެގެންގޮސްފައިވާއިރު، ހަމަލާތަކުގައި މިހާތަނަށް 36،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޒަހަމްކޮށްލި މީހުންގެ އަދަދު 81،000 އަށް އުފުލިފައިވާއިރު، އެތައް ބަޔަކު ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައެވެ.

comment ކޮމެންޓް