ދެ އަހަރުގެ އެއްބަސްވުމެއް، ބާސާގެ އާ ކޯޗަކަށް ފްލިކް

ފްލިކްވަނީ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީ ތަކެއް ހާސިލްކޮށްފައި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ސްޕެނިޝް ލަލީގާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓީމު ކަމުގައިވާ އެފްސީ ބާސެލޯނާގެ އާ ކޯޗަކަށް ޖަރުމަނުވިލާތުގެ ހާންސީ ފްލިކް ހަމަޖައްސައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއަށް ފްލިކް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބާސާގެ ކޯޗު ކަމުގައި ނިމިދިޔަ ދެ ސީޒަންގައި ހުރި ޒާވީ ހެނާންޑޭޒް ވަނީ މިދިޔަ ހަފުތާގައި މަގާމުން ވަކިކޮށްފައެވެ. ފްލިކް އެންމެ ފަހުން ހުރީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމުގައެވެ. ނަމަވެސް، ޖަރުމަނު ޓީމާ އެކު މާ ރަނގަޅު ނަތީޖާތަކެއް ނެރެވޭގޮތް ނުވުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ މަގާމުން ވަކިކޮށްފައެވެ.

އޭގެ ކުރިން ފްލިކްވަނީ ޖަރުމަނު ބުންޑެސްލީގާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޓީމު ކަމުގައިވާ ބަޔާން މިޔުނިކާ އެކު ކާމިޔާބު ދެ ސީޒަން ހޭދަކޮށްފައެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ބަޔާންވަނީ 2020 ވަނަ އަހަރުގެ ސީޒަންގައި ބުންޑެސްލިގާގެ އިތުރުން ޖާމަން ކަޕާއި ޗެމްޕިއަންސް ލިގު ކާމިޔާބުކޮށްފައެވެ. ބާސާގެ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީވަނީ ފްލިކާ އެކު ބަޔާންގައި ދެ ސީޒަން ހޭދަކޮށްފައެވެ.

ފްލިކް ބުނީ، ބާސާއަށް ކޯޗު ކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުން މިއީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއްގެ އިތުރުން ހުވަފެނެއް ކަމަށެވެ. އޭނާ ބޭނުންވަނީ ބާސާއާ އެކު ވެސް މި މަގުން ދަތުރުކޮށް ކުރިއަށް އޮތް ތާގައި ކާމިޔާބީތަކެއް ހާސިލުކުރުން ކަމަށް ވެސް ފްލިކް ބުންޏެވެ.

ބާސާގެ ވިސްނުމާއި އޭނާގެ ވިސްނުން ވަރަށް އެއް އޮތް ކަމަށާއި ބާސާއާއި އޭނާ ވެސް ގެންގުޅެނީ ބޯޅަ ގިނައިރު ގެންގުޅެ، ހަމަލާއަށް އިސްކަން ދިނުމުގެ ވިސްނުން ކަމަށް އޭނާ ބުންޏެވެ.

ބާސާގެ ކޯޗު ކަމުން ވަކިކުރި އެ ޓީމުގެ ލެޖެންޑު ޒާވީ ބުނީ، އޭނާގެ ބަދަލުގައި އެ މަގާމާ ހަވާލުވާ ކޯޗަކަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ޒާވީގެ ކޯޗުކަމުގެ ދަށުން ބާސާ ވަނީ ލަލީގާއާއި ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް