މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ މާހައުލު އީޕީއޭގައި އެބައޮތް: ނައީމް

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް --

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް މިހާރު ވެސް ފުރިހަމަ މިނިވަންކަމާއެކު މަަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އެޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

އެ އެޖެންސީއަށް ގާނޫނީ މިނިވަންކަން ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ މިދިޔަ ހަފުތާގެ ތެރޭ ވިދާޅުވެފައެވެ.

އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

މި ކަމާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ނައީމް ވިދާޅުވީ މިހާރު ވެސް އީޕީއޭއިން މަސައްކަތްކުރަމުން އަންނަނީ މީގެ ކުރިން ވެސް އެ އެޖެންސީގެ މަސައްކަތްތައް ބައްޓަން ކުރަމުން އައި ގޮތަށް ކަމަށެވެ. އަދި އެ ކަމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އަނެއްހެން އަޅުގަނޑުމެންނަކަށް މާ ބޮޑެތި ހުރަސްތަކެއް ނުހުރޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީޕީއޭގެ ނިންމުންތަކަކީ މިނިވަންކަމާއެކު ނިންމާ ނިންމުންތައް ކަމަށެވެ. ނަމަވެސް އެ ނިންމުންތަކަށް ވަކި ހިސާބަކުން ބަދަލު އަންނަން މެދުވެރިވަނީ ވެރިކަމުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ސިޔާސަތުތަކުގެ ސަަބަބުން ކަމަށެވެ.

އެއީ ސިޔާސީ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަނީ ކުރު މުއްދަތެއްގައި ގިނަ ވައުދުތަކަކާއެކު ކަމަށްވުމުން އެ ވައުދުތައް ފުއްދަން ޖެހޭތީކަމަށް ވިދާޅުވިއެވެ. ނަަމަވެސް އެއީ ވެށީގެ ހިމާޔަތަށް ވަކާލާތުކުރާ ފަރާތްތައް ދެކޮޅު ހަދާނެކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ހަމަ ހުންނާނެ ތިމާވެއްޓަށް ގެއްލުންވާ ކަންކަން ވެސް. ދެން އެންވަޔަަރަމަންޓް ޕްރޮޓެކްޓުކުރަން ތިބޭ ފަރާތްތަކުން އަބަދުވެސް ވަކާލާތުކުރާނެ ތިމާވެއްޓަށް ގެއްލުންވާ ބޮޑެތި ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދަން،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އީޕީއޭގެ މަސައްކަތަށް ހުރަސް އެޅޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުތަކުގެ ބާރުވެރިކަން ލިބިގެން ނޫނީ އެންމެ ފުރިހަމައަށް އެ އެޖެންސީ ހިންގަން ދަތިވާނެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް އަދިވެސް ނައީމް ވިދާޅުވި ގޮތުގައި އަދިވެސް އީޕީއޭގެ ހިންގުން ހަރުދަނާ ކުރަން ގިނަ ގަވައިދުތަކަކަށް ބަދަލު ގެންނަން ޖެހެއެވެ. އަދި މީހުން ހޭލުންތެރިކުރުވަން ވެސް ޖެހެއެވެ.

comment ކޮމެންޓް