ބައެއް ގެތަކަށް ފެނުގެ ނިޒާމު ނުގުޅި އެބަ ހުރި، މައްސަލަ ހައްލުކުރަން މަސައްކަތްކުރަނީ: މިނިސްޓްރީ

ހިޔާ ފްލެޓްތަކަށް ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަނީ: ފެނުގެ ނިޒާމު ގުޅިއިރު ބައެއް ރަށްރަށުގެ ގެތަކަށް ފެން ނުލިބި އެބަ ހުރި ކަމަށް އެންވަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައި --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ބައެއް ރަށްރަށުގައި ފެނުގެ ނިޒާމު ގުޅިއިރު، ކޮންމެހެން ފެން ލިބެންޖެހޭ ގެތަކަށް އެ ނިޒާމު ނުގުޅާ ހުރިކަމަށް އެންވަރަމެންޓު މިނިސްޓްރީން މިރޭ ބުނެފިއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި އެންވަރަމެންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޚަލީލް ވިދާޅުވީ، މި ދައުރުގެ މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވުމަށް ފަހުން ފެނާއި ނަރުދާމާއާއި ކަރަންޓާއި ހަކަތައިގެ ހާލަތު ބެލުމަށް ބޭސްލައިން އެސެސްމަންޓެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން، އެ ބޭސްލައިންގެ ޕްރޮގްރާމުގެ ދަށުން މުޅި ރާއްޖޭގެ ހާލަތު ދެނެގަތް ކަމަށާއި ހާލަތު ދެނެގަތީ ޔުލިޓިލީ ކުންފުނިތަކަށް ގުޅައިގެންނާއި ފޯމު ފުރައިގެންނާއި ބައެއް ރަށްތަކަށް މިނިސްޓްރީން ޒިޔާރަތްކޮށްގެން ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، ރަށްރަށުގެ ހާލަތު ބެލިއިރު ކަރަންޓާއި ފެނާއި ނަރުދަމާގެ ދާއިރާއިން ގަވައިދުން މެއިންޓެނަންސްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފެނުގެ ނިޒާމު ގާއިމް ކުރަން ހޮޅިވަޅުލުމުގެ މަސައްކަތެއްގެ ތެރެއިން: ފެނުގެ ނިޒާމު ގުޅިއިރު ބައެއް ރަށްރަށުގެ ގެތަކަށް ފެން ނުލިބި އެބަ ހުރި ކަމަށް އެންވަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ/ އެމްޑަބުލިއެސްސީ

ދެން ހަމަ އެނގިވަޑައިގަންނަވާނެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެނަށް ދޭތެރެ ދޭތެރެއިން އަޑުއިވެމުން މިދަނީ މިވެނި ރަށެއްގައި ކަރަންޓު ކަނޑައިގެން ގޮއްސިޔޭ. މިވެނި ރަށެއްގެ ފެން ކަނޑައިގެން ގޮއްސިޔޭ. ފެނުގެ ޚިދުމަތް މެދުކެނޑިއްޖެޔޭ. އެނގިވަޑައިގަންނަވާނެ ފެނާއި ނަރުދަމާ އަދި ކަރަންޓަކީ ވަރަށް އަސާސީ ޚިދުމަތެއް. މި ޚިދުމަތަށް ބުރޫނާރާ ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް

އެންވަރަމެންޓު މިނިސްޓްރީއަކީ އެ ޚިދުމަތްތައް މޮނިޓާކޮށް، އެ ޚިދުމަތްތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެސެސްމަންޓަށް ފަހު ފާހަގަކުރެވޭ މައްސަލަތައް ހައްލު ކުރަނީ ދެ ފަރާތުން ގުޅިގެން ކަމަށެވެ.

އެހެންކަމުން މިހާރު ވެސް ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަން ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫ ފޭދޫ މަގުމަތި: ފެނުގެ ނިޒާމު ގުޅިއިރު ބައެއް ރަށްރަށުގެ ގެތަކަށް ފެން ނުލިބި އެބަ ހުރި ކަމަށް އެންވަރަމެންޓު މިނިސްޓްރީން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް އެނާ ވިދާޅުވީ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ވަރަށް ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި ފެނުގެ ނިޒާމުގެ ތެރެއިން ލީކުވުންތައް ހުރިކަމަށެވެ.

ބޭސްލައިން އެސެސްމަންޓުން އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އެބަހުރި ކުރިން ފެނުގެ ނެޓްވޯކް ގުޅިއިރުގައި، އެ ޕްރޮޖެކްޓު ތެރެއިން ވެސް ފެނުގެ ޚިދުމަތް ދެވިފައި ހުންނަންޖެހޭ ގެތަކަށް އެބަ ހުރި އެ ޚިދުމަތް ނުދެވި. އެހެން ހުރި ރަށްތައް ވެސް މަދެއް ނޫން

މިފަދަ ޕްރޮޖެކްޓުތައް އެންމެ ގިނައިން ހަވާލުވެފައި އޮތީ ފެނަކައާ ކަމަށްވާއިރު، މައްސަލަތައް ހައްލުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ދިމާވެފައި ހުރީ "އަވަސް އަރުވާލާފައި" ރަށެއްގެ ޚިދުމަތް ފެށުމަށް ބައެއް ކަންކަން ފުރިހަމަނުކޮށް، ސިސްޓަމްތައް ފެނަކައާ ހަވާލުކޮށްފައި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ކޮންމެ ސިސްޓަމެއް ހަވާލުކުރާއިރު ޓެސްޓުތަކެއްކޮށް ލީކު އުޅޭތޯ ބަލަން ޖެހޭ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންވެ، މިފަދަ މައްސަލަތައް ބޮޑު ރަށްރަށުގެ މައްސަލަތަކަށް އިސްކަންދީގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް