ޙާފިޒްގެ އާއިލާއަށް ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި

ޙާފިޒްގެ އާއިލާއަށް ރައީސް މުއިއްޒު ތައުޒިޔާ ފޮނުއްވައިފި--ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ދައުލަތަށް 33 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ، އަޙްމަދު ޙާފިޒް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

"އެކްސް" ގައި ރައީސް ތަޢުޒިޔާ ވިދާޅުވެ ހިއްސާކުރެއްވި މެސެޖުގައި އަޙްމަދު ޙާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

ޚާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް ހިއްސާކުރެއްވި މެސެޖުގައި ވަނީ ހާފިޒްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.

ޙާފިޒް ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޜަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަޤާމުންނެވެ.

މިގޮތުން، 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައި ވާއިރު އޭނާ ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރު އޮފް ސްޓޭޓްގެ މަޤާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ.

މީގެ އިތުރުން މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާފިޒަށް ލިބިވަޑައިގެންފައިވެއެވެ.

މަރުޙޫމް އަޙްމަދު ޙާފިޒް ފަސްދާނުލުން އޮތީ، މިރޭގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ހާފިޒް އަވަހާރަވީ މިއަދު މެންދުރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

comment ކޮމެންޓް