ޑޮލަރު މާރުކުރުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ހިންގާފައިވާ އެކި މުއާމަލާތްތަކުން އެ ކުންފުންޏަށް މިހާތަނަށް ހަތަރު މިލިއަން ރުފިޔާ ނުލިބި ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޒީނާ ވިދާޅުވީ އެ ކުންފުނީގެ ފައިނޭންސް ހެޑް އަހުމަދު ހަނީފު މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް ނޭނގި އަމިއްލަ ފަރާތަކާއެކު ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ.
އެގޮތުން، މިކަން ކޮށްފައި ވަނީ އެ ކުންފުނީގެ އުސޫލުތަކާއި ޚިލާފަށްކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ، އެ ފަރާތާއެކު ޑޮލަރު މާރުކުރިކަމުގެ އެއްވެސް އެއްބަސްވުމެއް ހަދާފައިނުވާ ކަމަށެވެ.
"ކުންފުނީގެ ބަޖެޓުން ޑޮލަރު ގަތުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން އަމިއްލަ ފަރާތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު އުފެދޭ ފަދަ ގޮތަކަށް މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވުމާއެކު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވާނީ އަޅާފައި،" ޒީނާ ވިދާޅުވިއެވެ.
އެގޮތުން، މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހު ހަނީފް އެ މަގާމުން ސަސްޕެންޑުކުރުމަށްފަހު، މިހާރު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ޒީނާ ވިދާޅުވީ، މިހާތަނަށް ލިޔެކިޔުންތަކުން ދައްކާ ގޮތުން އެކުންފުންޏަށް ހަތަރު މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށާއި އޭނާ މަގާމާއި ހަވާލުވިރު ޕީއެސްއެމްގެ ތިޖޫރީގައި އޮތީ އެންމެ ހަތް ރުފިޔާ ކަމަށެވެ.
އޭގެއިތުރުން، މި މައްސަލާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ހަނީފްގެ އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ޒީނާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް ޒީނާ ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި 2017 އަހަރުން ފެށިގެން ޕީއެސްއެމްގެ މާލީ ކަންތައްތައް ބެލުމަށް އޮޑިޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި މައްސަލަ ކުރިއަށް ދާއިރު އަޅުގަނޑުމެން، މުވައްޒަފުންގެ ފަރާތުން ވެސް ޝަކުވާ އެބަ އާދޭ. އޭރުގެ ފައިނޭންސް ހެޑަކަށް ހުންނެވި ބޭފުޅާ، އެ މުވައްޒަފުންގެ އަތުން 50،000 ރުފިޔާ، 60،000 ރުފިޔާ، 80،000 ރުފިޔާ ނަގާފައި. އެ ރުފިޔާ އަނބުރާ ނުލިބި ހުރި ކަން،" ޒީނާ ވިދާޅުވިއެވެ.
އެ ކުންފުނީގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ޕީސީބީން ފާހަކުރެއްވާފައިވާއިރު އެކަންކަން އޮތީ ކުރީގެ ބޯޑާއި މެނޭޖްމަންޓާ ވެސް ހިއްސާކޮށްފަ ކަމަށް ޒީނާ ވިދާޅުވިއެވެ.