ރީނދޫ ސަމާލުގެ ވަގުތު މިއަދުގެ 18:30އަށް އިތުރުކޮށްފި

މޫސުން ގޯސްވި ދުވަހެއްގައި ރާޅުގަނޑު ސަރަހައްދަށް އުދަ އެރުން: މިއަދާއި މާދަމާވެސް މޫސުން ވަރަށް ގޯސްވެ، އުދައެރުމުގެ ނުރައްކާ އޮތް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުން ގޯސް ވުމާ ގުޅިގެން އެއިދާރާއިން މިއަދު ފުރަތަމަ ރީނދޫ ސަމާލު ނެރުނީ 10:30އިން ފެށިގެން 14:30 އާ ހަމައަށް، މުޅި ރާއްޖެއަށެވެ.

އެއަށްފަހު، ރީނދޫ ސަމާލުގެ ވަގުތު އިތުރު ކޮށްފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދުގެ 18:30 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ މިސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގަޑިޔަކު 25 މޭލާއި 30 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 18:30އާ ހަމައަށް، ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެއިދާރާއިން ހުދު ސަމާލު ނެރެފައިވާއިރު މިސަރަހައްދަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިއަންނަ ވިއްސާރައިގައި މާދަމާ ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެއިދާރާއިން ވަނީ ބުނެފައެވެ.

https://sun.mv/192547

އެހެންވެ، ވިއްސާރައިގައި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް މެޓް އޮފީހުގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކުން އަންނަނީ އާންމުންނަށް އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް