މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވުމަށްފަހު މި ސަރުކާރުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ފުރިހަމަ ކުރި 15 މީހުން މިހާތަނަށް އާއިލާއާ ހަވާލުކޮށްފިއެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓްރީން "ސަން"އާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އާއިލާއާ ހަވާލުކޮށްފައި ވަނީ އެންމެ މީހެކެވެ. އަދި ޑިސެމްބަރު މަހު ފަސް މީހުން އާއިލާއާ ހަވާލުކޮށްފައި ވެއެވެ.
މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ މަހު ތިން މީހުން، ފެބްރުއަރީ މަހު އެކަކު އަދި މާޗް މަހު ތިން މީހުން މިނިސްޓްރީން އާއިލާއާ ހަވާލުކޮށްފައި ވެއެވެ. އޭޕްރިލް މަހު އެއްވެސް މީހަކު ހަވާލުކޮށްފައި ނުވާއިރު، މިހިނގާ މޭމަހު މަރުކަޒުން އާއިލާއާ ހަވާލުކޮށްފައި ވަނީ ދެ މީހެކެވެ.
މަރުކަޒުގައި އެކަނިވެރި ދިރިއުޅުމެއް އުޅޭ ގިނަ ބަޔަކު އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިދިޔަ ފެބްރުއަރީ މަހު ވިދާޅުވި ގޮތުގައި އާއިލާއާ ހަވާލުވުމަށް ތައްޔާރުގައި ތިބި 29 މީހުން މަރުކަޒުގައި އޭރު ތިބިއެވެ.
މި ސަރުކާރުން ގެންދަނީ ގުރައިދޫ މަރުކަޒުގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ގުޅިގެން ވަރަށް ގާތުން މަަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހުން ވަނީ، ހުނަރު ދަސްކޮށްދިނުމުގެ ކޯސްތަކެއް ވެސް މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާކަމަށް ފެމިލީ މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.
އެ މަރުކަޒަކީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުންނާއި، ސިކުނޑީގެގޮތުން ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ބަލަދުވެރިން ނުވަތަ ބެލެނިވެރިންނަށް ނުވަތަ އެ ނޫން ބަޔަކަށް ވެސް ސަލާމަތާއި ރައްކާތެރިކަމާ އެކު މުޖުތަމައުގައި އެ މީހުން ގެންގުޅެންދަތި މީހުންނާއި، ކުދިން ބަލަހައްޓާ މަރުކަޒެކެވެ.