ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ ކުރީގެ އެސެޓް މެނޭޖަރަށް މަރުގެ ހުކުމް އިއްވައިފި

ޗައިނާ ހޫއަރޮންގް އެސެޓް މެނޭޖްމަންޓް ކޯގެ ލޯގޯ ފެންނަނީ ޗައިނާގެ ބެއިޖިންގައި ހުންނަ އެ ކުންފުނީގެ އޮފީސް -- ފޮޓޯ/އިންގްލިޝް އަރަބިއާ

ރިޝްވަތު ގަބޫލުކުރި މައްސަލައެއްގައި ޗައިނާގެ ދައުލަތުގެ ކޮންޓްރޯލު އޮންނަ އެ ގައުމުގެ އެންމެ ބޮޑު އެސެޓް މެނޭޖްމެންޓް ކުންފުނީގެ ކުރީގެ އެގްޒެކްޓިވްއަށް މަރުގެ ހުކުމް އިއްވައިފިއެވެ.

އެ ކުންފުނީގެ އެގްޒެކްޓިވް، ބައި ޓިއަންހޫއީގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބަދަލުގައި 151.9 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ގަބޫލުކުރުމުގެ ދައުވާ ކަމަށް ޗައިނާގެ ދައުލަތު މީޑިއާ ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާގެ އެންޓި ކޮރަޕްޝަން ކެމްޕޭންގެ ދަށުން ޗައިނާއިން ވަނީ ހުއާރޮންގް ހޯދަން ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. ޖުމުލަ 260 މިލިއަން ޑޮލަރުގެ ރިޝްވަތު ހިފި މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ ޗެއާމަން ވެސް 2021 ވަނަ އަހަރު ވަނީ މަރާލައިފައެވެ.

"ބައި ޓިއަންހޫއީގެ ރިޝްވަތުގެ ޖަރީމާގެ އަގު އިންތިހާއަށް ބޮޑު، ކުށުގެ ހާލަތު އިންތިހާއަށް ބޮޑު، އިޖުތިމާއީ އަސަރު އިންތިހާއަށް ނުބައި، އަދި އެކަމުގެ ސަބަބުން ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު،" ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ފާއިތުވި މަސްތަކުގައި އެންޓި ކޮރަޕްޝަންއަށް މަސައްކަތްކުރާ އޮތޯރިޓީތަކުން ވަނީ ޗައިނާގެ މާލީ އަދި ބޭންކިން ދާއިރާގެ ބައެއް މީހުންނަށް ވަރަށް ބޮޑަށް ޓާގެޓްކޮށްފައެވެ.

އެގޮތުން, މިދިޔަ އޭޕްރީލް މަހު ވަނީ 2019 އިން 2023 އަށް ބޭންކް އޮފް ޗައިނާގެ ޗެއާމަންކަން ކުރެއްވި ލިއު ލިއަންގޭގެ މައްޗަށް ޝަރީއަތް ހިންގައިފައެވެ.

ހަމަ އެ މަހު ޗައިނާގެ ދައުލަތުގެ ބޭންކިން ޖަޔަންޓް އެވާބްރައިޓް ގްރޫޕްގެ ކުރީގެ ވެރިޔާ ލީ ޝިއާއޮޕެންގް ގާނޫނާ ހިލާފުވި މައްސަލައެއް ވެސް ވަނީ ބަލައިފައެވެ. އެމްނެސްޓީއާއި އިންސާނީ ހައްގުތަކާ ބެހޭ އެހެން ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާގެ ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު މަރައިލައެވެ.

comment ކޮމެންޓް