މާލޭގެ މިސްކިތްތައް ފޮޅައި ސާފުކުރުމަށް އިތުރު ދިވެހިން ހޯދަނީ

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކުރުން: އެ މަސައްކަތަށް އިތުރު ދިވެހިން ހޯދުމަށް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅައި ސާފުކުރުމަށް އިތުރު ދިވެހި ފިރިހެނުން ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިރޭ އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން މިރޭ ކުރި އިއުލާނުގައި ވަނީ އެއް އަހަރުގެ ކޮންޓްރެކްޓްގެ މުއްދަތަކަށް 13 ދިވެހި ފިރިހެނުން ބޭނުންވާ ކަމަށެވެ.

މި ވަޒީފާގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި މިސްކިތްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މާލޭ ސަރަހައްދުގެ ގަބުރުސްތާނުތައް ސާފުކޮށް ބެލެހެއްޓުމުގެ އިތުރުން ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އަދި ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މިސްކިތްތައް ސާފުކޮށް ބަލަހައްޓާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި 5000 ރުފިޔާ ހުށަހަޅާފައިވާއިރު، ސާވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ އަދި އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި 3500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އެޓެންޑެންސް އެލެވެންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަަަކަށް 75 ރުފިޔާ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ މަހު ހަވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލް އިދާރާ، ހ.ހުޅުގަލި ތިން ވަނަ ފަންގިފިލާއަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ވަޒީފާއަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު "އެކްސް"ގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ، މާލެ ސިޓީގައި ކައުންސިލުން ބަލަހައްޓަމުންގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތާއި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް، ބިދޭސީންގެ ބަދަލުގައި ކުރާނީ ދިވެހިން ކަމަށް ބުނެފައެވެ.

މީގެކުރިން، މާލެ ސަރަހައްދުގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓީ ސާފުކުރުމުގެ ޚިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބިދޭސީން ލައްވައެވެ.

comment ކޮމެންޓް