ބައްސާމްގެ ދެ އެޕާޓްމެންޓް ފުލުހުން ނެގި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އެފްއޭއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު ސައީދު

ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެރިއަކަށް ކުރިން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް އަތުލުމުން، އެކަމާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން މިއަދު ނިންމައިފިއެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެ ދެ އެޕާޓްމެންޓް އޭނާގެ އަތުން ނެގުމަށް އަމުރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެއާ އެކު އަމީން އެވެނިއުއިން ބައްސާމް ގަތް ދެ އެޕާޓްމަންޓް ވެސް މި މަހުގެ އަށްވަނަ ދުވަހުގެ 12:00 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އެންގިއެވެ. އެއީ، ފަހުން މުއްދަތު އެއް ދުވަހަށް އިތުރުކޮށްދިނުމަށް ފަހުގައެވެ. އެ ދެ އެޕާޓްމަންޓު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ބައްސާމް ވަނީ އެ އަމުރު އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާފައެވެ. އެކަމަކު، ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި ބައްސާމް މި ދެ އެޕާޓްމަންޓް ގަތީ ކޮވިޑު-19ގެ ދުވަސްވަރު ދިވެހި ފުޓުބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަންނަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ދިން ލޯން އެހީގެ ފައިސާއިންނެވެ.

އެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންސްއަށް ބައްސާމް ދެއްކި ކަމަށް ފުލުހުން ބުނެއެވެ.

އެއީ، ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކުރި ކަމަށާއި އެކަމަކު، އެ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ބައްސާމްގެ އިތުރުން، އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ ފައިނޭންސް ހެޑްގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އަގީލާއި އޭރު އެ އެސޯސިއޭޝަންގައި އިސްކޮށް މަސައްކަތްކުރެއްވި ހަސަން ވަހީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.

އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މި ނޫން ވެސް ގިނަ ތުހުމަތުތަކެއް ބައްސާމަށް ކުރެވޭއިރު، އޭނާ އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.

comment ކޮމެންޓް