މޫސުން ގޯސް، އުދައިގެ އަސަރުކުރުން އެކަށީގެންވޭ

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައެރުމަކީ އެކަށީގެން ވާކަމެއް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

މިހާރު ރާއްޖެއަށް މިކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމުގައެވެ.

ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެއިދާރާއިން ނެރުނު މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުގައި ވަނީ ބުނެފައެވެ.

އެގޮތުން 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑަކު 45 މޭލާއި 55 މޭލާއި ދެމެދަށް ވައި ބާރުވާނެކަމަށް ލަފާކުރެވޭ ކަމުގައި މެޓް އޮފީހުން އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާާރާއިން ވަނީ ހުރިހާ ފަރާތްތަކަށް ވަކިން ޚާއްސަކޮން ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވައިޖެހި ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް