ރަފަހަށް ދޭ ހަމަލާތަކާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އިސްރާއީލުން ރަފަހްގެ ބްރިކްސް ކޭމްޕަށް ދިން ހަމަލާގައި ކޭމްޕްގައި އަލިފާން ރޯވެފައި -- ފޮޓޯ/އެންޑީޓީވީ

އިސްރާއީލު ފައުޖުތަކުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް ދެމުންދާ ލާއިންސާނީ ރަހުމުކުޑަ ހަމަލާތަކާގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާވަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ނަމަވެސް، އެ ކަމާ ބެހޭ އިތުރު ތަފުސީލެއް ނުލިބެއެވެ.

އެ ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ އަލްޖީރިއާއިންނެވެ. އަލްޖީރިއާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ގައުމެއް ނޫނެވެ.

އިސްރާއީލުން ރަފަހް ސިޓީއަށް ހަމަލާދިނުން ވަގުތުން ހުއްޓައިލުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން އަމުރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް، އެ އަމުރަށް ބެލުމެއްނެތި، އިސްރާއީލުން ވަނީ ރަފަހަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އެގޮތުން، އިސްރާއީލުން އިއްޔެ ރޭ ވަނީ ރަފަހަށް ވަރުގަދަ ހަމަލާއެއްދީ އެތައް އާއިލާއެއް ދިރި ތިއްބާ އަންދައިލައިފައެވެ. ހަމަލާދީފައިވަނީ ރަފާހުގެ ހުޅަނގުގައި ގެދޮރުގެއްލިފައިވާ މީހުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ޓަލް އައްސުލްތާނުގައި ހުންނަ ބްރިކްސް ކޭމްޕަށެވެ.

އެ ހަމަލާ ދީފައިވަނީ އަށެއް ނުވަތަ 10 ވަރަކަށް ގޮވާ ޒާތުގެ ތަކެތި ބޭނުން ކޮށްގެންނެވެ. ހަމަލާ ދިނުމާ އެކު އެ ތަނުގައި އަލިފާން ރޯވެ، އަލިފާންގަނޑު ފެތުރުނެވެ. އަދި، އެ ތަނުގައި ނިދާފައި ތިބި އެތައް ބައެއްގެ ގައިގައި ރޯވިއިރު، އެ މީހުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިސްރާއީލުން ދިން ހަމަލާގައި 45 މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

comment ކޮމެންޓް