ރަޝިއާއަށް ޖާސޫސްކޮށްދިން ޖަރުމަނު މީހަކު ޖަލަށްލައިފި

ރަޝިއާއާ ސިއްރު އަސްކަރީ މައުލޫމާތު ހިއްސާކުރި ޖަރުމަނުވިލާތުގެ ކުރީގެ ސިފައިންގެ މީހަކަށް ތިން އަހަރާއި ބައިގެ ޖަލު ހުކުމެއް ވަނީ އިއްވާފައި -- ފޮޓޯ/ޓެލްގްރާފް

ޔޫކްރޭންގައި ހަނގުރާމަ ފެށުމާ ގުޅިގެން ސިއްރު އަސްކަރީ މައުލޫމާތު ރަޝިއާއާ ހިއްސާކުރި ޖަރުމަނުވިލާތުގެ ކުރީގެ ސިފައިންގެ މީހަކަށް ތިން އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ތޯމަސް އެޗް ކިޔާ އެ މީހާގެ މައްޗަށް ދައުވާކޮށްފައިވަނީ ޖަރުމަނުވިލާތުގެ ޑޫސެލްޑޯފްގެ ސްޓޭޓްގެ ކޯޓަކުންނެވެ.

ކޯޓުގެ ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ތޯމަސްއަކީ ކުށުގެ އެއްވެސް ރިކޯޑެއް ކުރިން އޮތް މީހެއްނޫނެވެ. އަދި، ރަޝިއާއަށް އެހީތެރިވުމުން މާއްދީ ގޮތުން އެއްވެސް ފައިދާއެއް ވެސް ލިބިފައިނުވާ ކަމަށާއި، އެކަން ކުރި ވަގުތު އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އުމުރުން 54 އަހަރުގެ ތޯމަސް ވަނީ ޖާސޫސްކުރި ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

އެކަން ކުރީ ނިއުކްލިއާ ހަނގުރާމައެއް ކުރިމަތިވެއްޖެ ހާލަތެއްގައި ރަޝިއާއިން އޭނާގެ އާއިލާ ސަލާމަތްކޮށްދޭނެކަމުގެ އުންމީދުގައި ކަމަށް ވެސް ތޯމަސް ބުންޏެވެ.

ތޯމަސްއަށް ކުރި ދައުވާގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ އެއާކްރާފްޓް ޓެކްނޮލޮޖީއާ ގުޅުން ހުރި ބައެއް ލިޔެކިޔުންތަކާއި އެ ނޫން ވެސް މުހިންމު ލިޔެކިޔުންތަކުގެ ފޮޓޯ ނަގައި ރަޝިއާއަށް ފޯރުކޮށްދީފައެވެ.

ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައާއި ރަޝއާއާއި ހުޅަނގާއި ދެމެދު އުފެދިފައިވާ ފިތުނަތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ޖަރުމަނުވިލާތުން ވަނީ ރަޝިޔާގެ ޖާސޫސުންނަށް ވަރަށް ބޮޑަށް ސަމާލުވެފައެވެ.

comment ކޮމެންޓް