ހިއުމިޑްފަޔާ: ގެއަށް މުހިއްމު އެއްޗެއް

ހިއުމިޑަފަޔަ: ދިރިއުޅުމުގައި ގިނަބަޔަކު މިހާރު ބޭނުންކުރަމުން އަންނަ މުހިއްމު ޑިވައިސްއެއް--ފޮޓޯ/ލިވިންގްރޫމް

ހިއުމިޑުފަޔާއަކީ ކޮޓަރި ތެރޭގައި ނުވަތަ ބަންދުކުރެވިފައިވާ ތަނެއްގެ ތެރޭގައި ވައިގެ ތެތްކަން އިތުރުކުރުމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޑިވައިސެކެވެ. އެފަދަ ޑިވައިސްތަކަށް އެކަން ހާސިލުކުރެވޭނީ ވައިގެ ތެރެއަށް ފެން ތިކިތައް ނުވަތަ އެއިން ސްޓީމް ބޭރުވެ އާދައިގެ މިންވަރަކަށް ހޫނުމިން އެއްވަރަކަށް އިތުރުކޮށްގެންނެވެ.

ގޭ ތެރޭގައި ނުވަތަ މަސައްކަތް ކުރާ މާހައުލުގައި ހިއުމިޑުފަޔާއެއް ބެހެއްޓުމުގެ ފައިދާތަކުގެ ތެރޭ ތަފާތު އެކި ވައްތަރުގެ އެލާޖީތަކުން ހަށިގަނޑު ސަލާމަތްކޮށްދިނުން، ނޭވާހިއްލުމާއި ސައިނަސްގެ މައްސަލަތަކާއި ހަންގަނޑު ކުރަކިވެ ހިކުން ފަދަ މައްސަލަތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން، އާދައިގެ ރޯގާއާއި ރޯގާގެ އަލާމާތްތައް ހުއްޓުވުމަށް ނުވަތަ ދަށްކުރުމަށް ވެސް ހިއުމިޑުފަޔާ އެހީތެރިވެދެއެވެ. އާއްމު ގޮތެއްގައި ރޯގާޖެހި ނޭފަތް ބެދުމުން ގުގުރި ދެމުންފަދަ ކަންކަމަކީ ގިނަ މީހުންނަށް ދިމާވާ ކަމެއް ނަމަވެސް ހިއުމިޑުފަޔާއިން މިފަދަ ކަންކަމަށް ލުޔެއް ހޯދައިދިނުމަށް އެހީތެރިވެދޭނެއެވެ.

ހިއުމިޑުފަޔާއަކީ އާއްމުކޮށް ޖެހޭ ކުދިކުދި ބަލިތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދޭ ޑިވައިސްއެއް -- ފޮޓޯ/ވުމެންސްވާލްޑް

މި ޑިވައިސްގެ ތަފާތު އެކި ވައްތަރުތައް ބާޒާރުން ފެނުނު ނަމަވެސް މައިގަނޑު ގޮތެއްގައި އޭގައި ހިމެނެނީ ފަސް ވައްތަރެކެވެ. އެއީ، ސެންޓްރަލް ހިއުމިޑުފަޔާ، ސްޓީމް ވެޕަރައިޒަސް، އަލްޓްރާސޮނިކް ހިއުމިޑުފަޔާ، ސްޓީމް ވެޕަރައިޒަ އަދި އެވަޕަރޭޓަސްއެވެ.

ހިއުމިޑުފަޔާ ގެންގުޅޭ ފަރާތެއް ނަމަ އެ ޑިވައިސް މޯލްޑް ނުވަތަ އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިކުރުމަށް ކޮންމެ ތިން ދުވަހުން އެއް ދުވަހު ސާފުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ހަމައެއާ އެކު ޑިވައިސް ޑިސްއިންފެކްޓްކޮށް އޭގެ ފިލްޓަ ކޮންމެ ހަ މަހަކުން ބަދަލުކުރުމަށް ސަމާލުކަންދޭންވާނެއެވެ.
ހިއުމިޑުފަޔާ އާއްމު ގޮތެއްގައި ބޭނުންކުރުން ބަރޯސާވެފައި އޮންނަނީ ދިރިއުޅޭ ޤައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ އެކު ނަމަވެސް ދިރިއުޅޭ މާ ހައުލުގައި ތެތްކަމެއް ނެތްކަމުގެ އިހުސާސްކުރެވޭނަމަ އެއީ މި ޑިވައިސް ބޭނުންކުރަން އެންމެ ރަނގަޅު ދަނޑިވަޅެވެ.

ހަމައެއާއެކު ގޭތެރޭގެ ނުވަތަ މަސައްކަތްކުރާ މާހައުލުގެ ހުމިޑިޓީ ދަށްކަމަށް ގަބޫލުކުރެވޭ ނަމަވެސް ހިއުމިޑުފަޔާ ބޭނުންކުރެވިދާނެއެވެ.

comment ކޮމެންޓް