ލޮޅުން އިހުސާސްވި ގޮތުން ފުރަތަމަ ވެސް ހީކުރެވުނީ ބިންހެލުމެކޭ، ކުޅުދުއްފުއްޓަށް ބިރުވެރި ހިނދުކޮޅެއް

ކުޅުދުއްފުށި ސިޓީ: ހދ.ގެ ރަށްތަކަކަށް ލޮޅުން އެރި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނިއިރު، ކުޅުދުއްފުށީ ބައެއް މީހުން ވަނީ ލޮޅުން އިހުސާސުވި ތަޖުރިބާ ހިއްސާކޮށްފައި -- ފޮޓޯ/ ޒުވާން މަސްވެރިޔާ

ހދ. އަތޮޅަށް މިރޭ ލޮޅުމެއްގެ އަސަރު ކޮށްފައި ވާއިރު، އެންމެ ބޮޑަށް އޭގެ އަސަރު ކޮށްފައި ވަނީ އެއަތޮޅު ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށީ ސިޓީގެ ގެތަކަކަށް ބިން ހެލުމުގެ އަސަރު ކޮށްފައި ވާއިރު، އެރަށު މީހުންނަށް މިއީ ބިރުވެރި ތަޖުރިބާއެކެވެ.

ކުޅުދުއްފުށިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ބިންހެލުމުގެ އަސަރު ސިޓީއަށް ކޮށްފައި ވަނީ، މިރޭ 08:30 ހާއިރެވެ. އޭރު އޭނާ އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ.

"އޮށޯވެގެން އޮއްވައި ހަމަ ބިންގަނޑު ގުޑުނުހެން ލޮޅުން އިހުސާސްވީ. ދެން އަޅުގަނޑު ނުކުތީ ބޭރަށް،" އޭނާ ބުންޏެވެ.

އޭނާ ބުނީ މަގުތަކުގައި ބަރު އުޅަނދު ބޭނުންކޮށްގެން މަސައްކަތް ކުރާއިރު، ކޮންމެވެސް ވަރަކަށް ބިމަށް ގުޑުން އަރާކަމަށެވެ. އެހެންކަމުން އެފަދަ މަސައްކަތެއް ގެ ކައިރީ ކުރަނީތޯ ބަލަން ބޭރަށް ނުކުތް ކަމަށް އޭނާ ބުންޏެވެ.

"އެކަހަލަ އެއްވެސް ކަމެއް ނެތް. ދެން ފަހުން މި އެނގުނީ ބިންހެލުމެއްކަން. އަސްލު ލޮޅުން އިހުސާސް ވި ގޮތުން އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ބިންހެލުމެއް ބާއޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ބިންހެލުން އިހުސާސުވީ ތަފާތު ބިރުވެރި ގޮތަކަށް ކަމަށެވެ. އަދި އެވަގުތު އެއީ ބިންހެލުމެއްކަން ނޭނގުނު ނަމަވެސް ހިތަށް ބިރުވެރިކަން ވެރިވިކަމަށް އޭނާ ބުންޏެވެ.

"ދެން ފަހުން އަސްލު ވެސް ބިންހެލުމެއްކަން އެނގުނީމަ އަދި ވަރަށް ބިރުގަތް،" ލޮޅުން އިހުސާސްވީ ކުޑަ ވަގުތުކޮޅަކަށްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ބިންހެލުމުގެ އަސަރުކޮށް ވަރަށް ގިނަ މީހުން އެވާހަކަ ދެއްކި އަޑު އެހި ކަމަށެވެ. އަދި ވަރަށް ގިނަ މީހުން ތިބީ ބިރުން ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ބިންހެލުމުގެ އަސަރު އެސިޓީއަށް ކުރިކަމަށެވެ. ނަމަވެސް ރަސްމީކޮށް އެފަދަ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ، ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އެ ރިޕޯޓުތަކާ ގުޅިގެން ބެލިބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އެހެން ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފައެއް ނުކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.

ރާއްޖެއަށް ބިންހެލުންތައް ނާންނަ ކަމުގައި ވީނަމަވެސް، ކޮންމެވެސް ވަރަކަށް އުތުރާއި ދެކުނަށް ބިންހެލުމުގެ އަސަރުތައް ދޭތެރެއަކުން ކުރެއެވެ.

comment ކޮމެންޓް