އައްޒައާއި ޔޫއްޕެ އެކީ ފެންނަ 'ކަމަނާ' އޯގަސްޓް މަހު

އަލަށް އިއުލާނު ކުރި ފިލްމު "ކަމަނާ"ގެ ކާސްޓު

ތަފާތު އެކި ޖޯންރާގެ ފިލްމުތައް އުފައްދާފައިވާ ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"ގެ އެންމެ ފަހުގެ ފިލްމު "ކަމަނާ" އިއުލާންކޮށްފިއެވެ.

އަލަށް އިއުލާނުކޮށްފައިވާ ފިލްމުގެ ޓައިޓަލް ޓީޒަރެއް ވެސް ވަނީ ޕްރޮޑަކްޝަނުން އާންމުކޮށްފައެވެ.

އަލަށް ރިލީޒްކުރާ ފިލްމުގައި ވަރުގަދަ ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން، އެންމެ މުހިންމު ރޯލުތަކުން ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި މަރިޔަމް އައްޒަ ފެނިގެން ދާނެއެވެ. އޭގެ އިތުރުން، އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

ކަމަނާގެ ޓައިޓަލް ރިވީލް ޕޯސްޓަރެއް

މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ ކަމަށް ސެޓާން ސްޓޫޑިއޯއިން ބުނެއެވެ.

ކަމަނާގެ ޝޫޓީންގެ ތެރެއިން

ސެޓާން ޕްރޮޑަކްޝަނުން ބުނެފައިވަނީ މި ފިލްމަށްޓަކައި އައްޒަގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހުނު ކަމަށެވެ. އަދި، އެއީ ފިލްމުން އެންމެ ފާހަގަކޮށްލެވޭނެ އެއް ކަންތައް ކަމުގައި ޕްރޮޑަކްޝަނުން ބުނެއެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ" ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓު ކޮށްފައެވެ.

ކަމަނާ ފިލްމުގެ ޝޫޓިންގެ ތެރެއިން

މި ފިލްމުގެ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާއިރު މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް