ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު މިރޭ ތައާރަފުކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފުކޮށްފައި ވަނީ އެމެރިކަން އެސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުން ކުރެވޭ ގޮތަށް ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ހިމަނައިގެންނެވެ.
މި ކާޑުން ބީއެމްއެލް އީޒީޕޭ މެދުވެރިކޮށް ނަގާ މުދަލަށް ފައިސާ ދެއްކެއެވެ. އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފުކޮށްފައިވާ މި ކާޑުން ޚިދުމަތް ދިނުމުން އެއްބަސްވެފައިވާ ފީއެއް ނަގާނެއެވެ.

ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވާހަކަދައްކަވަނީ:ބީއެމްއެލްއިން ވަނީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކޮށްފަ --- ސަން ފޮޓޯ/ މޫސާ ނަދީމް
މި ކާޑު ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، މި ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.
"ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑީޓް ކާޑު ތައާރަފުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ކަލާމް ވިދާޅުވިއެވެ.

ކާޑު ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ބީއެމްއެލްއިން ވަނީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު ތައާރަފްކޮށްފަ --- ސަން ފޮޓޯ/ މޫސާ ނަދީމް
ބީއެމްއެލް އިސްލާމިކް ކާޑު ބޭނުން ކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށްގެން ކާޑުން ކުރާ މުއާމަލާތަށް ޕޮއިންޓު ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެ ރިވޯޑް ޕޮއިންޓް، ފްލައިޓު ޓިކެޓާއި ކާރު ކުއްޔަށް ނެގުމަށާއި ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗާ ހޯދުމަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން ބުނީ މި ކާޑު ފަރުމާކޮށްފައި ވަނީ އެންމެފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ކަމަށާއި މި ކާޑު ދޫކުރާނީ ސްޓޭންޑާޑް، ގޯލްޑް އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައި ކަމަށެވެ.