އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީ

އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ ދީލަތި އެހީ ފޯރުކޮށްދީފި --- ފޮޓޯ/ ބީއެމްއެލް

ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް މަމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް ބީއެމްއެލް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީ ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ އެހީއާއެކު މޮމްސް އެއިޑުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޮމްސް އެއިޑުން ހިންގާ "ރަމަޟާން އެއިޑް" ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި --- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީއާ ގުޅިގެން މަމްސް އެއިޑުން ބުނީ، ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން އެ ޕްރޮގްރާމަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދައިކުރާ ކަމަށެވެ.

އަދި އެފަދަ އެހީތަކަކީ މުޖުތަމައަށް އެހީވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު އިތުބާރެއް ކަމަށާއި ގިނަ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށް ވެސް މަމްސް އެއިޑުން ވަނީ ބުނެފައެެވެ.

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

އެގޮތުން މީގެ ކުރިން ވެސް މަމްސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެއެވެ.

comment ކޮމެންޓް