ވަޓްސްއެޕްގައި ސްޓޭޓަސް އަޕްޑޭޓްގެ ގޮތުގައި ވޮއިސް ނޯޓްތައް އެއް މިނެޓުގެ ދިގުމިނަށް ލެވޭ ގޮތަށް އެ ޕްލެޓްފޯމްއިން ބަދަލު ގެނެސްފައެވެ.
މީގެ ކުރިން ވަޓްސްއެޕްގައި ވޮއިސް ސްޓޭޓަސް ރެކޯޑްކޮށް ޝެއާކުރެވޭނީ އެންމެ 30 ސިކުންތަށެވެ. ނަމަވެސް މި ބަދަލާއެކު ވޮއިސް ނޯޓްތައް ސްޓޭޓަސްއަށް ޝެއާ ކުރާއިރު ލިބޭ ރެކޯޑިން ވަގުތުގެ ދެގުނައަށް ވަނީ އިތުރުވެފައެވެ.
ވޮއިސް ސްޓޭޓަސް އަޕްޑޭޓް ލިބެނީ އެންޑްރޮއިޑާއި އައިއޯއެސްގައި ވަޓްސްއެޕްގެ އެންމެ ފަހުގެ ވާޝަންއަށެވެ. މި އަޕްޑޭޓް އިންސްޓޯލް ކުރުމުން ސްޓޭޓަސް ސެކްޝަނަށް ނެވިގޭޓްކޮށް، މައިކްރޯފޯން އައިކަން ޓެޕްކޮށް ހިފަހައްޓައި، ސްޓޭޓަސްގެ ގޮތުގައި ސެޓް ކުރުމަށް 60 ސިކުންތުގެ ދިގު އޯޑިއޯ ކްލިޕެއް ރެކޯޑް ކުރެވޭނެއެވެ.
ދިގު ވޮއިސް އަޕްޑޭޓްތައް ޝެއާ ކުރުމުގެ ގާބިލުކަމުގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެއެވެ.
ވޮއިސް ސްޓޭޓަސްއަކީ ވަޓްސްއެޕްގެ ތަޖުރިބާ އިތުރަށް ރަނގަޅު ކުރުމަށް މެޓާއިން ޓެސްޓްކޮށް ރޯލްއައުޓް ކުރަމުން އަންނަ އާ ފީޗާތަކުގެ ތެރޭގައި ހިމެނޭ ފީޗާއެކެވެ.
ވަޓްސްއެޕުން އެންމެފަހުން ތަޢާރަފުކުރި ފީޗާތަކުގެ ތެރޭގައި އޭއައި ޖެނެރޭޓެޑް ޕްރޮފައިލް ޕިކްޗާތައް ބޭނުންކޮށްގެން ޕާސަނަލައިޒްޑް އެވަޓާތައް ހެދުމާއި ތަފާތު ކުލަ އޮޕްޝަންތަކާއެކު ތީމެޓިކް ޗެޓް ކަސްޓަމައިޒޭޝަންތައް ހިމެނެއެވެ.