މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަމުން އަންނަ ފާތިމަތު ޔުސްރާ، އއ. މާޅޮސް/ ހިތްފަސޭހަގެ (36އ) -- ފޮޓޯ/ ޕޮލިސް

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

މި ފަހަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ހޯދުން ނުވަތަ މުދާ ފޭރިގަތުން ފަދަ މައްސަލަތަކުގައި ގިނަ މީހުން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވެއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި ހޯދަން އިއުލާނުކޮށްފައިވަނީ، ފާތިމަތު ޔުސްރާ، އއ. މާޅޮސް/ ހިތްފަސޭހަގެ (36އ) އެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުގެ މައްސަލައިގައި މި އަންހެން މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ. އެގޮތުން، އަންނަ މަހުގެ ތިންވަނަ ދުވަހުގެ 14:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ވަނީ އަންގާފައެވެ.

މި މަހު އެކަނި ވެސް މީގެ ކުރިން ފުލުހުން ވަނީ މަކަރާއި ހީލަތުގެ މައްސަލާގައި ނުވަ މީހަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

comment ކޮމެންޓް