ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އާ ރީއިންޓަގްރޭޝަން ވޯޑެއް ހުޅުވައިފިއެވެ.
މި ވޯޑަކީ، ސިއްހީ، ނަފްސާނީ އަދި އިޖުތިމާއީ ހުނަރުެ ޕްރޮގްރާމްތަކާއެކު ފަރުވާ ފުރިހަމަކުރުމަށްފަހު އާއިލާތަކަށް ރުޖޫއަވުމުގެ ކުރިން ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދިނުމަށް ބޭނުންކުރެވޭނެ ވޯޑެކެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، އަލަށް ހުޅުވުނު މި ވޯޑު ޚާއްސަކުރެވިފައި ވަނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ނިކުތުމަށް ތައްޔާރުވެފައިވާ އަންހެނުންނަށް ކަމަށެވެ.
އަދި މި ވޯޑު ހުޅުވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ގޭތެރޭގެ ދިރިއުޅުމުގައި ބޭނުންކުރާ ހުނަރުތަކާއި އާންމު އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ވޯޑަކީ، ބަދިގެއާއެކު ބޭނުންކުރެވޭ ގެއެއް ގޮތަށް ފަރުމާކޮށްފައިވާ 10 މީހުންގެ ޖާގައިގެ ވޯޑެކެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި އިމާރާތުގެ އިތުރުން ފިރިހެނުންނަށް ޚާއްސަ 14 އެނދުގެ މިފަދަ އެހެން ވޯޑެއް އަންނަ މަހު ހުޅުވުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.
ހަމައެއާއެކު ބޭންކް އޮފް މޯލްޑިވްސްއިން މި ވޯޑުތައް އިމާރާތް ކުރުމަށް ވެދެއްވި އެހީތެރިކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.
"އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަކީ މިވުޒާރާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އޯގާތެރިކަމާއެކު، ގާތުން ޚިދުމަތް ފޯރުކޮށްދީ، އެފަރާތްތަކުގެ އުނދަގޫތައް ދެނެގަނެ، އެ ކަންކަން ޙައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ވުޒާރާއެއް. މި ވުޒާރާގެ އަމާޒަކީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން،" ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ ކުރިން ވެސް މިފަދަ ވޯޑެއްގެ ބޭނުމުގެ ވާހަކަ އައީ ދެކެވެމުންނެވެ.
އެއާއެކު ރީއިންޓަގްރޭޝަން ވޯޑެއް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ.