މިއަހަރުގެ ދިރާސީ އައު އަހަރު މިއަދު ފެށުނު އިރު، ސްކޫލުތަކަށް ފޮތް ނުލިބުނީ ފޮތް ޕްރިންޓުކުރާ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން އާނުކޮށް އޮތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެއެވެ.
ދިރާސީ އައު އަހަރު ފެށުނު އިރު ވެސް ބައެއް ރަށްތަކަށް ފޮތްތައް ނުލިބޭތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޮތް ލިބުން ލަސްވީ ސަބަބުތަކަކާ ހެދި ކަމަށެވެ.
"އަޅުގަނޑުމެން ހަވާލުވީއިރުގައި ބޮޑެތި ޕްރިންޓިން ފަރާތްތަކަށް ކޮންޓްރެކްޓް ކުރެވިގެން ދިވެހި ރާއްޖޭގައި ފޮތްތައް ޕްރިންޓު ކުރަނީ. ހަވާލުވީ އިރުގައި ކޮންޓްރެކްޓްތައް ހުރީ ހަމަވެފައި. އާނުކޮށް." މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފޮތްތައް ޕްރިންޓުކުރަން ހަވާލުކުރީ ބިޑިން ޕްރޮސެސްއާއި މާލިއްޔަތު ގާނޫނުގައި ބުނާ މަރުހަލާތައް ފުރިހަމަކޮށްފައި ކަމަށެވެ.
މީގެ އިތުރުން، ބައެއް ކީ ސްޓޭޖުތަކުގެ ފޮތްތަކުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ނުގުޅޭ ކަންތައްތައް ހުރި ކަމަށާއި މިނިސްޓްރީން މިފަހަރު ފޮތް ޕްރިންޓުކުރީ އެ ތަކެތި ފޮތްތަކުގައި ނުހިމަނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ފޮތްތައް ރަށްރަށަށް ފޮނުވަން ވެސް ވަރަށް ބޮޑަށް ގޮންޖެހުންތައް ދިމާވި ކަމަށެވެ.
"އަޅުގަނޑުމެން މިމަހުގެ 16ވަނަ ދުވަހު ބޯޓަށް ލޯޑު ކުރި ފޮތްތަކެއް ވެސް ބައެއް ރަށްރަށަށް އަދި ނުގޮސް އެބަ ހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
ފޮތް ފޯރުކޮށްދިނުން އެންމެ ލަސް ވަނީ ދެކުނުގެ ރަށްތަކަށް ކަމަށާއި މާދަމާ އެންމެ ލަސްވެގެން ފޮތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ހުރިހާ ސްކޫލަކުން ވެސް ވަނީ މިއަދު ފަށައިފައެވެ.
ސްކޫލުތަކުގައި މިއަދު ދިރާސީ އާ އަހަރު ފެށީއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ކުރިން ކިޔަވައިދޭ ވަރަށް ވުރެ ވަގުތު ކުރުކޮށްލައިގެންނެވެ. އެގޮތުން، ކުރިއަށް އޮތް ދެ ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ.