ޔާމީން އެއް މިލިއަން ޑޮލަރު ހޯދަން ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ހުއްޓުވައިފި

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން: ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ކުރިއަށްނުގެންދަން ހައިކޯޓުން ވަނީ އަމުރުކޮށްފައި -- ސަން ފޮޓޯ/ އަމަން ލަތީފް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއެކު ހެދި އެސްކުރޯ އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އެކައުންޓުން އެފައިސާ އަނބުރާ ނުދިނުމުން، ސިވިލް ކޯޓަށް އެ މަނިކުފާނު ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް އަންގައި ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އޭސީސީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެސްކުރޯ އެކައުންޓެއް ހުޅުވައި، އެ އެކައުންޓަށް ރައީސް ޔާމީން ފައިސާ ޖަމާކޮށްފައި ވަނީ ޖޫން 10، 2018 ގައެވެ.

ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 12 މަސް ދުވަހުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް ބޭންކަށް ޖަމާކޮށްފައިވާ ފައިސާ އަނބުރާ ދީފައެއް ނުވެއެވެ.

އެހެންވެ، އެ ފައިސާ ބޭންކުން ހިފަހައްޓައިފައި ވަނީ އެސްކުރޯ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައިިދިނުމަށް ބީއެމްއެލްއާ ދެކޮޅަށް، ރައީސް ޔާމީން ވަނީ ސިވިލް ކޯޓުގައި 2022ގައި އެދިވަޑައިގެންފައެވެ.

ޔާމީންގެ ހުށަހެޅުއްވުމުގައި ވަނީ އެއް މިލިއަން ޑޮލަރު އެ މަނިކުފާނުގެ އެކައުންޓަށް ރައްދު ކުރުމަށާއި ފައިސާ ބޭންކުން ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުން، އެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރި ނަމަ ލިބޭނެ ކަމަށް އަންދާޒާކުރާ ފައިދާގެ އަދަދު ހިސާބުކޮށް ޔާމީން ދެއްކުމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން އެންގުމުން ބީއެމްއެލްއިން، ކޯޓުގެ އިހުތިސާސާމެދު އިއުތިރާޒެއް ހުށަހެޅިއެވެ. އެ މައްސަލައިގައި ވަނީ، އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއީ ބޭންކް ބައިވެރިވާ އެއްބަސްވުމެއް ނޫން ކަމަށް ބުނެފައެވެ.

ބީއެމްއެލްގެ އިއުތިރާޒާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 20ގައި ނިންމީ އެ އިއުތިރާޒު ބަލައިނުގަތުމަށެވެ. އަދި މައްސަލައިގެ މައުޟޫއަށް ޖަވާބުދާރީވުމަށް ބޭންކަށް އެ ކޯޓުން އެންގިއެވެ.

ބީއެމްއެލްއިން ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށް، މައްސަލަ ހުއްޓުވަން ވަގުތީ އަމުރަކަށް އެދުނެވެ. އަދި މައްސަލައިގެ އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުން ގޮތެއް ކަނޑައަޅައިފި ނަމަ، ބޭންކުގައި އެކައުންޓު ގެންގުޅޭ ގިނަ ބައެއްގެ ފަރާތުން މިބާވަތުގެ ދައުވާތައް ބޭންކުގެ މައްޗަށް ހުށަހެޅުން އިތުރުވެ، މުވައްޒަފުންގެ އާންމު މަސްއޫލިއްޔަތުގެ އިތުރުން މަސައްކަތް ކުރަންޖެހި، ބޭންކަށް އިއާދަނުކުރެވޭ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އިސްތިއުފާނުގައިވެއެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ވަނީ، ވަގުތީ އަމުރެއް ނުނެރެފި ނަމަ ބީއެމްއެލްއަށް ލިބޭނެ ގެއްލުން ބޮޑުވުމުގެ އިހުތިމާލް ބޮޑުކަމަށް ބުރަވެވޭ ކަމަށް ފާހަގަކޮށްފައެވެ.

އެހެންވެ، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އަމުކުރެއްވީ އެ ކޯޓުން ގޮތެއް ކަނޑައަޅަން ދެން ނުވަތަ އެ ނޫން ގޮތަކަށް އެ ކޯޓުން އަންގަންދެން ޝަރީއަތް ކުރިއަށް ނުގެންދިޔުމަށެވެ.

ވޮޑަމުލާ މައްސަލައިގައި 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރަން ހުކުމްކުރިއެވެ.

ނަމަވެސް ޖެހިގެން އައި އަހަރުގެ ޑިސެމްބަރު 25ގައި، އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެއީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

https://www.sun.mv/191014

އެ މައްސަލައިގެ އިސްތިއުނާފު ދިގުދެމިގެން ދިޔުމަށް ފަހު، މިދިޔަ މަހުގެ 18ގައި ހައިކޯޓުން ވަނީ ޖަލު ހުކުމް ބާތިލުކޮށް އެ މަނިކުފާނު މިނިވަންކޮށްފައެވެ.

comment ކޮމެންޓް