ހިޔާ ފުލެޓްގެ ކުޑަދޮރުން ކުޑަކުއްޖަކު ސިޑިގޮޅިއަށް ފޭބި މައްސަލަ ބަލަނީ

ހިޔާ ފްލެޓުގައި ކުޑަކުއްޖަކު ކުޑަ ދޮރުން ނުކުމެ, ސިޑި ގޮޅިއަށް ފައިބަނީ ----

ހިޔާ ޓަވަރެއްގެ ސިޑިބަރިއާ ދިމާއިން، ކުޑަދޮރަކުން ކުޑަ އަންހެން ކުއްޖަކު ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފޭސްބުކްގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ރަތް ކުލައިގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ކުޑަދޮރަކުން ކުޑަ އަންހެން ކުއްޖަކު ސިޑިގޮޅިއަކާ ދިމާއަށް ފައިބަން އުޅޭ މަންޒަރެވެ.

ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެ ވީޑިއޯގައި، އެ ކުޑަ ކުއްޖާ ޝީޓު މައްޗަށް ފައިބައި، ސިޑިގޮޅިއަށް ވަންނަ މަންޒަރު ވެސް ފެނެއެވެ.

މި މައްސަލައާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މައްސަލައާ ގުޅުން ހުރި އިތުރު ތަފްސީލު ހަމާކޮށްފައެއް ނުވެއެވެ.

އެ ކުއްޖާއަށް އަނިޔާއެއް ވެދާނެ ކަމަށްބުނެ އެ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއާ ގުޅޭ ގޮތުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ ކުޑަ ކުއްޖާ ޝީޓު މައްޗަށް ފައިބައިފައި ވަނީ ފުރަތަމަ ފަންގިފިލާގައި ހުރި ފުލެޓަކުން ކަން އެ ވީޑިއޯން އެނގެއެވެ.

comment ކޮމެންޓް