ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި ބާސާއިން ދިފާއުކޮށްފި

ބާސެލޯނާއިން ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކޮށްފި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ދިފާއުކޮށްފިއެވެ.

ސްޕެއިންގެ ބިލްބާއޯގައި ކުޅުނު ފައިނަލް މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ފާހަގަކުރެވިފައިވާ އޮލިމްޕިކް ލިއޯންއާ ބައްދަލުކޮށް 2-0 އިންނެވެ. މިއީ ބާސާއިން މި ތަށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

ފުރަތަމަ ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފު ވެސް ދެ ޓީމުން ވެސް ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. މެޗުގެ ފުރަތަމަ ލަނޑު 63 ވަނަ މިނެޓުގައި ބާސާއަށް ޖަހައިދިނީ ބެލޮންޑިއޯ ކާމިޔާބުކުރި އައިޓާނާ ބޮންމާޓީއެވެ. ދެވަނަ ލަނޑެއް ޖަހައި ބާސާއަށް ޔަގީންކަން ބޮޑުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެލެކްސިއާ ޕުޓެޔާސްއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރުގެ އަންހެން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރު ކުރި ހޯދީ ލިއޯނެވެ. އެ ޓީމުން ވަނީ އަށް ފަހަރަށް އެ ތަށި ހޯދައިފައެވެ.

މި މެޗު ވެގެންދިޔައީ ބާސާގެ ކޯޗު ޖޮނަތަން ޖިރާންދޭޒްއާއި ލިއޯންގެ ކޯޗު ސޯނިއާ ބޮމްޕާސްޓާގެ ވެސް ފަހު މެޗަށެވެ. ދެ ކޯޗުން ވެސް އަންނަ ސީޒަންގައި މި ދެ ޓީމުން ނުފެންނާނެކަން މެޗަށް ނުކުތުމުގެ ކުރިން ވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން ޖިރާންޑޭޒް އަންނަ ސީޒަންގައި އެމެރިކާގެ ވޮޝިންޓަން ސްޕިރިޓާއި ހަވާލުވާއިރު ބޮމްޕާސްޓާ އަންނަ ސީޒަންގައި ފެނިގެންދާނީ ޗެލްސީ ވިމެންގެ ބެންޗުންނެވެ.

comment ކޮމެންޓް