ކަރަންޓު ޑިސްކައުންޓަށް ސްޓެލްކޯއިން 61 މިލިއަން، ބިލަކުން 600 ކުޑަވި

ސްޓެލްކޯގެ އިމާރާތް: ބިލްތަކަށް ޑިސްކައުންޓް ދޭން 61 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރި -- ސަން ފޮޓޯ

ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ސަރުކާރުގެ ކަރަންޓު ކުންފުނި (ސްޓެލްކޯ)އިން ދެ މަހުގެ މައްޗަށް 61.7 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވަނީ ރޯދަ މަހު ބޭނުންކުރާ ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ނިންމައިފައެވެ. އެގޮތުން، މި އަހަރުގެ މާޗު މަހުގެ ބިލާއި އޭޕްރީލް މަހުގެ ބިލުން ވެސް ވަނީ ޑިސްކައުންޓު ދީފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު މައުލޫމާތު ހިއްސާކުރަމުން ސްޓެލްކޯއިން މިއަދު ބުނީ، ދެ މަހުގެ މަތިން ކަރަންޓު ބިލްތަކަށް ޑިސްކައުންޓު ދޭން އެ ކުންފުނިން ޖުމުލަ 61،736،071.86 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ،

  • މާޗު މަހު ޖުމުލަ 20.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް
  • އޭޕްރީލް މަހު ޖުމުލަ 40.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް
ސްޓެލްކޯ: އެ ކުންފުނިން ވަނީ ކަރަންޓު ސަބްސިޑީއަށް 61 މިލިއަން ރުފިޔާ ހޭދަކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯއިން ބުނީ، ޑިސްކައުންޓާ އެކު އެވްރެޖްކޮށް ބިލަކުން މާޗު މަހު 333.14 ރުފިޔާ މަދުވެފައިވާ ކަމަށެވެ. އަދި، އޭޕްރީލް މަހުގެ ބިލުތަކުން އެވްރެޖްކޮށް 656.79 ރުފިޔާ މަދުވެފައިވާ ކަމަށެވެ.

ސްޓެލްކޯގެ އިތުރުން ވެސް ފެނަކައާއި ފެން ކުންފުނި އެމްޑަބްލިއުއެސްސީން ވެސް ވަނީ ރޯދަ މަހުގެ ބިލުތަކުން ޑިސްކައުންޓު ދީފައެވެ.

މާޗު މަހުގެ ބިލުން ޑިސްކައުންޓު ދީފައިވަނީ މިދިޔަ އަހަރު ބޭނުންކުރި ކަރަންޓާއި ފެނުގެ ނުވަ މަހުގެ އެވްރެޖް ޔުނިޓަށްވާ އަދަދު މި އަހަރުގެ މާޗު މަހު ބޭނުންކުރި ފެނާއި ކަރަންޓުގެ އަދަދަށް ވުރެ ބޮޑުވާ އަދަދު 10 އިންސައްތައަށް ވުރެ ބޮޑު ނަމަ އެ އަދަދުންނެވެ. އަދި، އެ އަދަދު 10 އިންސައްތައަށް ވުރެ ދަށް ނަމަ، ބިލުގެ 10 އިންސައްތައަށް ޑިސްކައުންޓު ދިނެވެ. އަލަށް ބިލްކުރި ކަސްޓަމަރުންނަށް ވެސް ދީފައިވަނީ 10 އިންސައްތައިގެ ޑިސްކައުންޓެކެވެ.

https://sun.mv/191509

އޭޕްރީލް މަހުގެ ބިލުން ޑިސްކައުންޓު ދީފައިވަނީ އާންމު ދިރިއުޅުމަށް ބޭނުންކުރި ކަރަންޓާއި ފެނުން މާޗު މަހުގެ ބިލަށް ވުރެ ބޮޑުވާ އަދަދު 10 އިންސައްތައަށް ވުރެ ބޮޑު ނަމަ، ބޮޑުވާ އަދަދުންނެވެ. އަދި، 10 އިންސައްތައަށް ވުރެ ދަށްނަމަ އަދި އަލަށް ބިލުކުރި ގެތަކަށް ވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ވަނީ ދީފައެވެ.

އޭޕްރީލް މަހުގެ ބިލުގައި ޑިސްކައުންޓު ނުހިމެނުނު ގެތަކުގެ ޑިސްކައުންޓު ހިމެނީ މޭ މަހުގެ ބިލުގައެވެ.

ރަމަޟާން މަހު ކަރަންޓާއި ފެން ބިލު އިތުރު ނުވާނެ ގޮތަށް ކެޕްކުރަން ނިންމެވިކަން ރައީސް ހާމަކުރެއްވީ، މާޗު މަހުގެ ހަތަރުވަނަ ދުވަހު ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައެވެ.

"...އާންމު މަހެއްގައި ހުންނަ ރޭޓުގައި ކެޕް ކޮށްފައި، އޭގެ މާނައަކީ އާންމު މަހެއްގައި ހުންނަ ވަރަށް ވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލު ހުންނާނީ،" އެ ދުވަހު ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް