މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމްގެ ތެރެއިން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލާން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް އުފައްދައި، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތް މިއަދު ހަދައިފިއެވެ.
ސަރުކާރުން ވަނީ މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރަން ނިންމާ، ކުރިމަތިލާން ހުޅުވާލާފައެވެ. އޭގެ ތެރެއިން 100 ފުލެޓު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ވަކިން އުފައްދާފައެވެ. އަދި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭ ގޮތް ހަދައި، ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތުގެ އިތުރުން ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ އުސޫލު ވެސް ވަނީ އާންމުކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އެ މީހާއަށެވެ. އެކަމަކު، ދިރިއުޅޭ ސަރަހައްދުން ފަރުވާ ލިބެން ނެތް މީހެއް ނަމަ، އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި އުޅެވެން ނެތިއްޔާ ވެސް މި ކެޓަގަރީއަށް ފޯމު ހުށަހެޅޭނެއެވެ. އަދި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާނަމަ ވެސް ކުރިމަތިލެވޭނެއެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މި މަހު 24 ވަނަ ދުވަހުން ފެށިގެންނެވެ. މުއްދަތު ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކެޓަގަރީއަށް ވެސް ފޯމު ހުށަހަޅާނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.