އިސްރާއީލަށް ކާމިޔާބެއް ނުވޭ،އަހަރުމެން ދޭނީ "ސަޕްރައިޒް"އެއް"

ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުالله. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުން އެއްވެސް ކާމިޔާބެއް އިސްރާއީލަށް ނުލިބޭ ކަމަށް އެމީހުންގެ އަމިއްލަ ލީޑަރުން ގަބޫލު ކުރާ ކަމަށާއި ދެން ދޭނީ "ސަޕްރައިޒް" އެއް ކަމަށް ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުالله ވިދާޅުވެއްޖެއެވެ.

ނަސްރުﷲ އެގޮތަށް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 25 ވަނަ ދުވަހު ލުބުނާނުގައި ފާހަގަކުރާ ރެސިސްޓެންސް އެންޑް ލިބަރޭޝަން ޑޭ އަށް 24 އަހަރު ފުރުމުގެ މުނާސަބާގައި ދެއްވި ތަގުރީރެއްގައެވެ.

ހަނގުރާމައިގައި އެއްވެސް ކާމިޔާބެއް އިސްރާއީލަށް ލިބިފައިނުވާ ކަމަށް ނަސްރުﷲ ވިދާޅުވެފައި ވަނީ ހަނގުރާމައިގެ މިހާތަނަށް ސްޓްރެޓެޖިކް އެއްވެސް އަމާޒެއް ހާސިލު ނުކުރެވުނު ކަމަށާއި އެގޮތުން ރަހީނުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ނާދެވި، ހަމާސްވެސް ބަލިނުކުރެވުނު ކަމަށް އިސްރާއީލުގެ ގައުމީ ސަލާމަތާބެހޭ އިދާރާގެ ވެރިޔާ ޒާޗީ ހަނަގްބީ ވިދާޅުވުމާ ގުޅިގެންނެވެ.

ޣާއްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ފެށި "އަލް އަގްސާ ފްލަޑް" ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން ވިލާތުގެ ގިނަ އަދަދެއްގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައިވާ ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.

އަދި އެ ކެމްޕޭނުގެ ސަބަބުން މިއަދު އިސްރާއީލަށް ޖެހިފައި އޮތީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގެ ކުރިމައްޗަށް ހާޒިރުވާން ކަމަށާއި ހަނގުރާމައިގައި ހިންގައިފައިވާ ކުށްތަކުން ސަބަބުން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެ ގައުމުގެ ދިފާއީ ވަޒީރު ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އައިސީޖޭއިން އެދިފައި ވަނީ އެ ކެމްޕޭނުގެ ސަބަބުން ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

އަދި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ކިޔަމަންނުވާ ކަމަށްވެސް ނަސްރުﷲ ފާހަގަކުރެއްވިއެވެ.

އިސްރާއީލުން ޣައްޒާގެ ރަފަހްއަށް ދޭ ހަމަލާތައް ހުއްޓައިލުމަށް އައިސީޖޭއިން ހުކުރު ދުވަހު ވަނީ އަމުރުކޮށްފައެވެ. ނަމަވެސް އެ އަމުރަށް ބެލުމެއްނެތި އިސްރާއީލުން އަންނަނީ ރަފަހަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

comment ކޮމެންޓް