ޣައްޒާ ސިޓީ އާއި އުތުރުގެ ސަރަހައްދުތަކުގައި އިންޓަނެޓްގެ ޚިދުމަތް ކެނޑިއްޖެ

ޣައްޒާ ސިޓީ -- ފޮޓޯ: އަނަޑޯލު

ފަލަސްތީނުގެ ޣައްޒާ ސިޓީ އާއި އެ ސިޓީގެ އުތުރުން އިންވެގެން އޮންނަ ސަރަހައްދުތަކުގައި އިންޓަނެޓްގެ ޚިދުމަތް ކެނޑިއްޖެކަމަށް އެ ސަރަޙައްދުތަކުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޓެލެކޮމް ކުންފުނިން ބުނެފިއެވެ.

ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ޕަލްޓެލް އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގައި އިޒްރޭލުގެ އަސްކަރީ ހަމަލާތައް ކުރިއަށް ދާތީ ޣައްޒާ ސިޓީއާއި ޣައްޒާގެ އުތުރުގެ ގަވަރުނަރޭޓްތަކުގައި އިންޓަނެޓްގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

އެކްސްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ޕަލްޓެލް ބުނީ ޚިދުމަތްތަށް ބުރޫ އަރަނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ކަމަށާއި ވީހާވެސް އަވަހަކަށް އިންޓަނެޓްގެ ޚިދުމަތްތް އަލުން އިއާދަކުރުމަށް އެ ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލުން ހަތް މަހަށް ވުރެ ގިނަ ދުވަސްވަންދެން ދެމުން އަންނަ އަނިޔާވެރި ހަމަލާތަކުގެ ތެރޭގައި ތަކުރާރުކޮށް އިންޓަނެޓާއި މުވާސަލާތީ ޚިދުމަތްތްތައް ކެނޑިފައިވާ ޣައްޒާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން ދިން ހަމަލާއެއްގައި އިސްރާއީލުގެ 1،200 އެއްހާ މީހުން މަރުވުމާ ގުޅިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 35،900 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެ ސިޓީގެ ބޮޑެތި ސަރަހައްދުތައް ވަނީ ހަލާކުވެފައެވެ.

comment ކޮމެންޓް