ސްޓާލިންކް އިންޓަނެޓްގެ ހިދުމަތަށް ލައިސަންސް ދޭން ޒިމްބާބުވޭއިން ފާސްކޮށްފި

ދުނިޔޭގެ އެކިކަންކޮޅުތަކަށް ސްޓާލިންކް ޚިދުމަތްދަނީ ފުޅާވަމުން --

ޒިމްބާބްވޭގެ ޓެލެކޮމް ރެގިއުލޭޓަރުން، އީލޮން މަސްކްގެ ސްޓާލިންކަށް ލައިސަންސް ދޭން ހުއްދަ ދީ، ސްޕޭސް އެކްސްގެ ސެޓެލައިޓް ޔުނިޓް ޒިމްބާބުވޭގައި އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

ނަންގަގްވާ ވިދާޅުވެފައިވަނީ މި ނިންމުމުގެ ސަބަބުން ޒިމްބާބްވޭގެ އެކި ސަރަޙައްދުތަކުގައި އަދި ވަކިން ޚާއްސަކޮށް ރަށްފުށުގެ ހުރިހާ ސަރަޙައްދެއްގައި ހައި ސްޕީޑް، ލޯ ކޮސްޓް، ލިއޯ (ލޯ-އާތު-އޯބިޓް) އިންޓަނެޓް އިންފްރާސްޓްރަކްޗާ ޤާއިމުކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ސްޓާލިންކުން ހިދުމަތް ދޭނީ އެ ކުންފުނީގެ ހަމައެކަނި އަދި އެކްސްކްލޫސިވް ލޯކަލް ޕާޓްނަރު އައިއެމްސީ ކޮމިއުނިކޭޝަންސް މެދުވެރިކޮށް ކަމަށެވެ.

ވޯލްޑް ބޭންކުން 2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޒިމްބާބުވޭގައި އިންޓަނެޓްގެ ޚިދުމަތް ލިބެނީ އެގައުމުގެ އާބާދީގެ އެންމެ 34.8 ޕަސެންޓަށް ކަމަށެވެ.

އެ ގައުމުގެ އިންޓަނެޓްގެ ހިދުމަތަކީ މޮބައިލް ނެޓްވޯކްގެ މައި ތިން އޮޕަރޭޓަރުންގެ ބާރުގެ ދަށުގައި ކޮންޓްރޯލްވެފައި އޮންނަ ޚިދުމަތެކެވެ.

ސްޓާލިންކް އެޕްރޫވަލް ދީފައި މި ވަނީ ޒެމްބިއާ ފަދަ އަވަށްޓެރި ގައުމުތަކުން ސްޓާލިންކް ކިޓް އެތެރެ ކުރާ، ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެފްރިކާގެ އެކި ގައުމުތަކުގެ ތެރޭގައި ނައިޖީރިއާ، މޮޒަމްބިކް، ޒެމްބިއާ، ކެންޔާ އަދި މަލާވީ ފަދަ ގައުމުތަކުގައި ސްޓާލިންކް ރަސްމީކޮށް މިހާރު އަންނަނީ ދެމުންނެވެ.

މިދިޔަ މަހު ކެމަރޫން އިން ވަނީ އެ ގައުމަށް ސްޓާލިންކް ސާމާނު އެތެރެކުރުން މަނާ ކޮށްފައެވެ. އެގައުމުން ބުނީ އެ ކުންފުންޏަކީ ލައިސަންސް އޮންނަ ކުންފުންޏަކަށް ނުވާތީ އެގޮތަށް ހިފަހައްޓަން ޖެހުނީ ކަމުގައެވެ.

comment ކޮމެންޓް