ޖޭމްސް ބޮންޑުގެ ރޯލުން އެތައް އަހަރެއް ވަންދެއް ފެނިގެން ގޮސްފައިވާ ޑެނިއެލް ކްރެއިގް ލީޑުން ފެންނަ "ނައިވްސް އައުޓް"ގެ ތިންވަނަ ބައެއް ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.
ނެޓްފްލިކްސްއިން 2019 ގައި ރިލީޒްކުރި މާޑާ މިސްޓްރީ ފިލްމު "ނައިވްސް އައުޓް"ގެ ދެވަނަ ބައެއް ނެރެފައިވަނީ 2022 ވަނަ އަހަރުގައެވެ. މި ފިލްމުތައް ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދައި ފްރެންޗައިޒްއަކަށް މިހާރު ވެފައެވެ.
ނެޓްފްލިކްސްއިން ދާދި ފަހުން ވަނީ ނައިވްސް އައުޓްގެ ތިންވަނަ ބައި އިއުލާނު ކޮށްފައެވެ.
އަލަށް ނެރޭ ބަޔަށް ކިޔާނީ "ވޭކް އަޕް ޑެޑް މޭން"އެވެ. އަންނަ އަހަރު ނެރުމަށް ތައްޔާރުވާއިރު ފިލްމުގެ ކާސްޓުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ހަމައެކަނި އަދި ހަމަޖެހިފައިވަނީ ޑެނިއެލް ކްރެގްގެ ރޯލެވެ. އެހެން ރޯލުތަކަށް ބޭނުންވާ އެކްޓަރުން އަދި ހަމަޖައްސާފައެއް ނުވެއެވެ.
މިހާރު ވެސް ބެލުންތެރިން އަންނަނީ ފޭންކާސްޓިންގެ ގޮތުގައި އެކްޓަރުންގެ ނަންތައް ހާމަކުރަމުންނެވެ.
އަންސާމްބަލް ކާސްޓު ހިމެނޭ މި ފިލްމުތަކުގެ މައިގަނޑު އެއް ހައިލައިޓަކީ ތަރީންނެވެ. ގިނަ އަދަދެއްގެ ބޮޑެތި ތަރީންތައް މި ފިލްމުތަކުން ފެނެއެވެ. އެއާ އެކު ތިންވަނަ ފިލްމުން ވެސް ވަރުގަދަ ކާސްޓެއް ފެންނާނެކަން ޔަގީނެވެ.
އެކި ކަހަލަ މިސްޓްރީއާއި ޓްވިސްޓުތައް ކަމުދާ މީހުންނަށް ނައިވްސް އައުޓް ފްރެންޗައިޒް އަކީ ވަރަށް ކަމުދާނެ ފްރެންޗައިޒްއެކެވެ. އެގޮތުން، މީގެ ކުރީން ނެރެފައިވާ ދެ ފިލްމުން ވެސް ހީނުކުރާ ފަދަ އެކި ޓްވިސްޓުތައް ފެނިގެން ގޮސްފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ތިންވަނަ ފިލްމު ރިލީޒްކުރާނީ ސީދާ ނެޓްފްލިކްސްއަށެވެ. މި ފްރެންޗައިޒްގެ ދެވަނަ ފިލްމު ވަނީ ނެޓްފްލިކްސްއަށް ރިލީޒްކުރުމުގެ ކުރީން ހަފުތާއަކަށް ސިނަމާތަކުގައި އަޅުވާފައެވެ.