ސީޕްލޭން ޓާމިނަލް ފުލްމޫން ރިސޯޓަށް ބަދަލުކުރަން މަޝްވަރާ ފަށައިފި

ސީޕްލޭން ޓާމިނަލް: އެ ތަން ފުލްމޫން ރިސޯޓަށް ބަދަލުކުރަން މަޝްވަރާތައް ވަނީ ފަށާފައި -- ފޮޓޯ/ މޯލްޑިވިއަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހިންގާ ސީޕްލޭން ޓާމިނަލް، ކައިރީ އޮތް ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާއަށް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އިގުތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ.

ވީއައިއޭ ތަރައްގީކުރަން ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަ ޕްލޭން ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އެ ޕްލޭންގައި ވާގޮތުން މިހާރު ސީޕްލޭން ޓާމިނަލް ހުރި ސަރަހައްދު ޕްރައިވެޓް ޖެޓް ޓާމިނަލަކަށް ބަދަލުކުރާނެއެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ތަރައްގީކުރަން ފަށައި، އޮކްޓޫބަރު، 2022 ގައި ހުޅުވި އާ ސީޕްލޭން ޓާމިނަލްއަކީ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ޓާމިނަލެެވެ.

ފެބްރުއަރީ 4، 2020: އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ ޓާމިނަލް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވަޒީރު ރޭ ވިދާޅުވީ، ޓާމިނަލް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ.

"މިހާރު ހިންގާ ޓާމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް، އެ ތަނުގެ މޫދު ހިއްކާފައި، އެ ތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް، އެހެންވީމާ ސީޕްލޭން ޓާމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް، މި ކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ވީއައިއޭގެ ފިއުލް ފާމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން، ބޯޓުތަކަށް ތެޔޮއެޅުމުގެ ކަންކަން ވެސް އެންމެ ޒަމާނީ ފެންވަރަށް ބަދަލުވެގެން އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރި ނަމަވެސް މޮނޯރެއިލް ޚިދުމަތުން އެ ތަނާއި އެއާޕޯޓާ ގުޅައިލާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

https://sun.mv/186963

"މިހާރު ކުރިއާ ޚިލާފަށް ވަކިން މަތިންދާ ބޯޓުތައް ކައިރިއަށް ފިއުލް ހިފައިގެން ލޯރީގައިދާކަށް ނުޖެހޭނެ، މިހާރު އޭޕްރަންގެ އަޑިން ވަޔާކުރެވިފައި ހުރީ، އެންމެ ޒަމާނީގޮތަށް ބަދަލުކުރެވިފައި މިހުރީ،" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މަސައްކަތްކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2022 ވަނަ އަހަރު ހުޅުވި އާ ސީޕްލޭން ޓާމިނަލް އެ ތަނުން ބަދަލުކުރާއިރު، އެ ޓާމިނަލް އަލުން ތަރައްގީކޮށް ހުޅުވީ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ފަހުއެވެ. އެ ޓާމިނަލްގައި 100 އަކަމީޓަރުގެ ވީއައިޕީ ލައުންޖަކާއި ޖުމުލަ 42 ލައުންޖް ހުރެއެވެ.

comment ކޮމެންޓް