ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ދަ ވިޗާ"ގެ ލީޑް އެކްޓަރު ހެންރީ ކެވިލް ޝޯ ދޫކޮށްލުމަށްފަހު އާ އެކްޓަރާއެކު ފަށާ ސީޒަންގެ ފުރަތަމަ ޓީޒަރެއް އާންމުކޮށްފިއެވެ.
"ދަ ވިޗާ"ގެ ނަމުގައި ތައްޔާރުކޮށްފައިވާ މަޝްހޫރު ވާހަކަ ފޮތްތަކަކަށް ބިނާކޮށް ނެޓްފްލިކްސްއިން ނެރޭ ވިޗާ ސީރީޒްގެ "ގެރަލްޓް އޮފް ރިވިއާ"ގެ ރޯލު ދޫކޮށް ދާން އުޅޭކަން ކެވިލް އިއުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ތިން ސީޒަނަށް ފަހު ޝޯ ދޫކޮށްލާނެ ކަމަށް އޭނާ ހާމަކުރީ ޕްރޮޑަކްޝަންގެ ޓީމާ އެކު އޮތް ކްރިއޭޓިވް ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.
އެހާ ހިސާބުން ގިނަ ބަޔަކު ހީކުރީ ޝޯގެ ތިންވަނަ ސީޒަނަށް ފަހު އެ ނިންމާލާނީ ކަމަށެވެ. ނަމަވެސް، ނެޓްފްލިކްސްއިން އެހާ ހިސާބުން އާންމުކުރީ ޝޯގެ ހަތަރުވަނަ އަދި ފަސްވަނަ ސީޒަނެއް ވެސް ނެރޭނެ ކަމެވެ. އަދި ގެރަލްޓްގެ ރޯލުން މަޝްހޫރު އެކްޓަރު ލިއަމް ހެމްސްވޯތު ފެންނާނެ ކަމަށް ވެސް ނެޓްފްލިކްސްއިން އިއުލާނު ކުރީ އެހާ ހިސާބުންނެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު ދިޔައީ ޝޯއަށާއި ނެޓްފްލިކްސްއަށް ފާޑު ކިޔަމުންނެވެ. ފާޑުކިޔުންތަކުގެ ތެރެއިން ވެސް ނެޓްފްލިކްސް ވަނީ ވިޗާގެ ޕްރޮޑަކްޝަން ފަށައިގެެން ކުރިއަށް ގެންގޮސްފައެވެ. އެންމެފަހުން މިއޮތީ ލިއަމް، ވިޗާގެ ރޯލުން ފެންނާނެ ގޮތް ވެސް ހާމަވެފައެވެ.
ނެޓްފްލިކްސްއިން އަލަށް އާންމުކުރި ޓީޒާގައިވަނީ އާ ސީޒަން އިއުލާނުކޮށް އާ ވިޗާގެ ފަސްޓް ލުކް ވެސް ދައްކާލާފައެވެ.
އާ ވިޗާއާ އެކު އެތައް ބައެއްގެ މެދުގައި ވަނީ އަނެއްކާ ވެސް ހިޔާލު ތަފާތުވުންތައް އާންމުވެފައެވެ. އެއްބަޔަކު ބުނަނީ ލިއަމް އެ ރޯލަށް ގޯސް ނޫން ކަމަށެވެ. އަނެއް ބަޔަކު އަދިވެސް ބޭނުންވަނީ ކެވިލް އެނބުރި އަންނާށެވެ. އެތައް ބަޔަކު ބުނަމުން އަންނަނީ އާ ސީޒަން ނުބަލާނެ ކަމަށެވެ.
ޝޯގެ ހަތަރުވަނަ ސީޒަން މި އަހަރު ދައްކަން ފެށުމަށް ހަމަޖެހިފައިވާއިރު އަދި ސީދާ ތާރީހެެއް އިއުލާނު ކޮށްފައެއް ނުވެއެވެ. ވިޗާގެ ފަސްވަނަ ސީޒަނަށް ފަހު ޝޯ އެއްކޮށް ނިންމާލާނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ހާމަކޮށްފައެވެ.