މިއަދު ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން އަނިޔާވި ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ހާދިސާގައި ތިން ކުދިންނަށް އަނިޔާވި ކަމަށާއި އެންމެ ބޮޑަށް ހާލު ދެރަވީ 18 އަހަރުގެ ފިރިހެން ކުއްޖާއަށް ކަމަށެވެ. އަދި މި ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
މި ހާދިސާއާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެމުން 18 އަހަރުގެ ކުއްޖާގެ ބައްޕަ ބުނީ އެއްގަޑިއިރުގެ ސީޕީއާރު ދީފައި ޑޮކްޓަރު ދެން އޮތީ ބައިގަޑިއިރު ކަމަށް އެންގިކަމަށެވެ. އެއިރު ކުއްޖާގެ ހިތާއި ފުއްޕާމޭ މަސައްކަތް ނުކުރާ ކަމަށް ޑޮކްޓަރާ ހަވާލާދީ ބައްޕަ ބުންޏެވެ.
އޭނާ ބުނީ ބައިގަޑި އިރަށްފަހު ހިތާއި ފުއްޕާމޭ މަސައްކަތްކުރާކަމަށް ޑަކްޓަރު އެންގި ކަމަށާއި އައިސީޔޫއަށް ބަދަލުކުރާކަމަށް ޑަކްޓަރު އެންގި ކަމަށެވެ.
"ވެންޓިލޭޓަރުގެ އެހީގައި އޭ އެތަނުގައި އޮންނަނީ. އަޅުގަނޑަކަށް ނުފެނޭ ކުއްޖަކު. ޑަކްޓަރު ބުނީ 72 ގަޑިއިރު ފަހުންނޭ ތަފްސީލް ޖަވާބެއް ދެވޭނީ،" އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
އުނގޫފާރު ހޮސްޕިޓަލުން ބުނީ ދެން ތިބި ދެ ކުދިންގެ ހާލު ރަނގަޅު ނަމަވެސް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި ހާދިސާ ހިނގާދިޔަ ގޮތް "ސަން" އަށް ކިޔާ ދެމުން އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން އާސިފް ވިދާޅުވީ 12 އަހަރުގެ އަންހެން ކުއްޖާ ކުޅުމުގެ ތެރޭގައި ނިކުމެ އުޅެނިކޮށް ކަރަންޓް ޖެހުމުގެ އިހްސާސް ކުރެވިގެން އާއިލާއާ ހިއްސާ ކުރި ކަމަށެވެ.
އަދި ދެން ނިކުތްއިރު އަށް އަހަރުގެ ކުއްޖާއަށް ކަރަންޓް ޖެހި، އެ ކުއްޖާ ރޯ އަޑަށް ދިޔަތަނާހެން 18 އަހަރުގެ ކުއްޖާ އަށް ވެސް ކަރަންޓްގެ އަސަަރު ކުރީ ކަމަށެވެ.
އާއިލާއިން ވެސް ބުނީ 18 އަހަރުގެ ކުއްޖާ ދިޔައީ ކަރަންޓް ޖެހުނު އަނެއް ދެ ކުދިން ސަލާމަތް ކުރަންކަމަށެވެ. އަދި 18 އަހަރުގެ މި ކުއްޖާއަކީ ކޮންމެ ވެސް ވަރަކަށް ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.
އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސް ވި ކުއްޖާގެ ބަލި ހާލަތަށް ބަލާފައި މާލެ ގެންނަން އަދި ނުވިސްނާ ކަމަށާއި އެކަށީގެންވާ ފަރުވާ އެ ހޮސްޕިޓަލުން ދެމުންދާ ކަމަށެވެ.
ނަމަވެސް އެ ކުއްޖާ ގެންނަންޖެހިއްޖެ ހާލަތެއްގައި އެ ކަން ކުރާނެ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނީ ކުއްޖާ އެހެން ތަނަކަށް ބަދަލު ކުރަން އަދި އިރުޝާދު ނުދޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.