ގުޅައިލެވިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ރައްޔިތުންނަށް ސަރުކާރުގެ ހުރިހާ ޚިދުމަތެއް ވެސް ދޭން ފެށުމާއެކު ވަރަށް ބޮޑަށް ކޮރަޕްޝަން ހުއްޓުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިހާރު ރ. އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެންމެ ޒަމާނީ ފެންވަރުގައި ރަށު ކައުންސިލްތައް ވެސް ހިމެނޭހެން ސަރުކާރުން ދޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މުޅި ނިޒާމު އެއްކޮށް ޑިޖިޓަލް ކުރުމަކީ ގެނެވޭ ވަރަށް ބޮޑު ބަދަލެއްކަން ފާހަގަ ކުރައްވައި ރައީސްވަނީ މި ކަމުގައި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް ވަޑައިގަތްއިރު، އެ ގައުމަކީ ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ، އަދި ހުރިހާ ޚިދުމަތެއް ވެސް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފޯރުކޮށްދޭ ގައުމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވެލައްވަނީ، އެ ގައުމުގައި އޮތް ފަދަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ވެސް ޚިދުމަތްތައް ދިނުމަށް ކަމަށެވެ. އެއީ ރާއްޖޭގައި ނުކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި، އެސްޓޯނިއާއިން އެ ކަމުގައި ރާއްޖެއަށް އެހީތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެކަން ނުކުރެވޭނެ ސަބަބެއް ނެތް. އެންމެ ރަނގަޅަށް ޑިޖިޓަލައިޒް ކުރެވިގެން ޚިދުމަތްދޭ ގައުމުގައި އެ ކަންކުރާ ގޮތަށް ކުރުމުގެ ނިޔަތުގައި އެ ދަތުރުކޮށްގެން ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް މަގުފަހުވެފައިވަނީ... ވަރަށް ގިނަ ކަންކަމުގައި އެހީތެރިކަންދޭން އެ ބޭފުޅުން އެ ތިއްބެވީ," ރައީސް ވިދާޅުވިއެވެ.
އެސްޓޯނިއާގެ ފެންވަރަށް ރާއްޖޭގެ ޑިޖިޓަލް ނިޒާމުގެ ތެރެއިން، ޑިޖިޓަލް އައިޑީކާޑު ތައާރަފު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއާ އެކު، އައިޑީކާޑުގެ ޒަރިއްޔާއިން އެހެން ޚިދުމަތްތައް ހޯދޭނެ، ގުޅިފައިވާ ވިޔުގައަކުން ގުޅާލެވިގެން ޚިދުމަތް ދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވާ ގޮތުގައި މި މަސައްކަތް ކުރުމަށް ހަމަޖެހިފައި އޮތީ ކުރިޔަށް އޮތް ހަތަރު އަހަރަށް ބަހާލައިގެންނެވެ.
އެސްޓޯނިއާއަކީ ކޮރަޕްޝަން އެންމެ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެ ގޮތަށް ރާއްޖޭގައި ވެސް ޑިޖިޓަލް ނިޒާމެއް ތައާރަފު ކުރެވުމާއެކު ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތައިލެވޭނެ ކަމަށެވެ.
މިމަހުގެ 12ގައި ރައީސް އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި އެގައުމާ ދެމެދު ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސްމާޓް ޓެކްނޮލޮޖީ އަދި ސައިބަސެކިއުރިޓީ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.