މޫސުން ގޯސްކަމުން ދިރާސީ އަހަރުގެ ފުރަތަމަ 3 ދުވަހުގެ ދަންފަޅި ކުރުކުރަން އަންގައިފި

18 މެއި 2017: މާލެ އަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން: މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމާއި، ބައެއް ރަށްރަށަށް އުދައާއި ނަގޫރޯޅި އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނޭ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްކަމުން، އަންނަ އާދިއްތަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ފުރަތަަމަ ތިން ދުވަހުގެ ދަންފަޅީގެ ވަގުތު ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފިއެވެ.

ދަންފަޅިކުރުކުރަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވަނީ ދަންފަޅި ކުރުކުރަން އެންގީ މޫސުން ގޯސްވެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވާން ދަތިވާ ހާލަތުގައި އެ ކުދިންނަށް ގެއްލޭ ފިލާވަޅުތައް މަދުކުރުމަށް ޓަކައި ކަމަށެވެ.

ހަމައެއާއެކު ދަންފަޅި ކުރުކުރާ ދުވަސްތަކުގައި، ސްކޫލުތަކުން ދަރިވަރުންނަށް ޚާއްސަކޮށްގެން އިހްތިރާމްކުރުމާއި، ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ އިތުރުން ހަނގާކުުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ޕްރޮގްރާމްތަކެއް ހިންގައިދިނުމަށް ވަނީ އެ މިނިސްޓްރީން އަންގައިފައެވެ.

ދަންފަޅި ކުރުކުރަން އަންގައިފައިވަނީ ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. އާންމު ގޮތެއްގައި ދަންފަޅިއެއްގައި ފަސް ގަޑިއިރާއި ހަގަޑިއިރާ ދެމެދު ދަރިވަރުން ކިޔަވައެވެ.

ކިޔެވުން ފަށަން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ބޮޑު ސަރަހައްދެއް އޮތީ ބޯވިއްސާރައާއެކު ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެ ކަމަށް ލަފާކޮށް އޮރެންޖު އެލާޓުގައެވެ.

އެހެންކަމުން ކަނޑުދަތުރުފަތުރަށް އޮތީ މުޅިންހެން ހުއްޓިފައެވެ. އެހެންވެ ޗުއްޓީއަށް ރަށްރަށުން މާލެ އައިސް ތިބި ގިނަ ކުދިންނަށާއި، ރަށްރަށުން މާލެއަށް ވެސް ގިނަ ކުދިންތަކަކަށް ނާދެވި ތިބީ މަޑުކުރަން ޖެހިފައެވެ. ހަމައެއާއެކު އެއްގަމު ދަތުރުފަތުރަށް ވެސް އޮތީ ދަތިވެފައެވެ.

comment ކޮމެންޓް