މާލޭ ސީއެޗްއެސްއީ އަލުން ހުޅުވައި ކިޔަވައިދޭން ފަށައިފި

1 ސެޕްޓެމްބަރު 2024: މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މާލޭގައި އަމީނިއްޔާ ސްކޫލާ އިންވެގެން ހުރި ކުރީގެ ސީއެޗްއެސްއީ އިމާރާތުގެ އާބާތުރަ ފިލުވައި، މިއަދު އަލުން އެ ސްކޫލުގައި ކިޔަވައިދޭން ފަށައިފިއެވެ.

މާލޭގައި ހުރި ސީއެޗްއެސްއީގައި ކިޔަވައިދިނުން ހުއްޓައިލައި، އެ ތަން ބަންދުކުރީ ހުޅުމާލޭގައި ސީއެޗްއެސްއީގެ އާ އިމާރާތެއް ހުޅުވަމަށްފަހު، އެ ތަނަށް ކިޔެވުން ބަދަލުކުރުމާއެކުގައެވެ.

ނަމަވެސް މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެ ކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވިއެވެ.

1 ސެޕްޓެމްބަރު 2024: މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެހެންވެ، މި މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް މާލޭގެ ސީއެޗްއެސްއީ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އެއާއެކު މިއަދު އަލުން އެ މާލޭގައި ހުރި ސީއެޗްއެސްއީގެ ކިޔެވުން ވަނީ ފަށައިފައެވެ. އެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު ތަނަށް ކަމަށެވެ.

ހަމައެއާއެކު އެ ތަން ވާނީ ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަކަށް ކަމަށް ވިދާޅުވިއެވެ.

1 ސެޕްޓެމްބަރު 2024: މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފެށުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން މަތީ ސާނަވީއަށް އުނގެނުމަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެކަމަށް ވެސް ވިދާޅުވިއެވެ.

"...އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މީގެ ކުރިން މިނިސްޓަރު ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް