ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު ނިޔާވެއްޖެ

ގެނބިގެން ނިޔާވި ދިވެހި މީހާ: އޭނާ ނިޔާވީ ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ތަނާ --

ފަތުރުވެރިއަކު ސަލާމަތްކުރަން މޫދަށް ފޭބި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11:05 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. އެއީ، އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެ މީހާއަކީ އައްޑު ހިތަދުއަށް ނިސްބަތްވާ މީހެކެވެ.

މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވާނެތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރާން އިއްޔެ ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ފަޅުރަށްރަށަށް ދަތުރުނުދާށާއި މޫދަށް ނޭރޭން ވެސް އިއްޔެ ފުލުހުން ވަނީ އަންގައިފައެވެ.

https://sun.mv/192297

މެޓް އޮފީހުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ނެރެފައެވެ.

އެގޮތުން، މިއަދު 15:15 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ވަނީ ނެރެފައެވެ. އެ އިދާރާއިން ބުނީ، ވިލާގަނޑުގައި ގަޑިއަކު 60 މޭލާ ހަމައަށް ވައިދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ނަގާ ރާޅުގެ އުސްމިނުގައި އަށް ފޫޓާއި 10 ފޫޓު އަދި ދެކުނުގެ ހިސާބުތަކަށް ނަގާ ރާޅުގެ އުސްމިނުގައި ހަތަރު ފޫޓު ހުންނާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް