މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން ފަޅު ރަށްރަށާއި ފިނުޅޮތަކަށް ދަތުރުނުދިޔުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވެސް ވިއްސާރަ ކުރާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޅ. އަތޮޅުން ވ. އަތޮޅާ ހަމައަށް މެންދުރު 12:00 އިން ހަވީރު 16:00ގެ ނިޔަލަށް ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް އޮރެންޖު ސަމާލެއް ވެސް ނެރެފައެވެ.
ފުލުހުން މިއަދު ބުނީ، މި ދުވަސްވަރަކީ ހުރިހާ ސަރަހައްދަކަށް ވެސް ކަނޑުތައް ގަދަވާނެ ދުވަސްވަރަކަށް ވާތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި، ދަތުރުކުރަން ޖެހޭ ހާލަތްތަކުގައި ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ކުދި އުޅަނދުތަކުގައި ދަތުރުނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ފަޅު ރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދިޔުމަށާއި މޫދަށް ނޭރުމަށް އެދިފައެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އުތުރަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރާނެއެވެ. މި ސަރަހައްދަށް ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދު އެވްރެޖް ގޮތެއްގައި ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގު މޫސުން ފެށި ކޮންމެ އަހަރެއްގެ ވެސް މެއި ޖޫން އަދި ޖުލައި މަހަކީ ރާއްޖެއަށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.