ގދ. ތިނަދޫގައި ހިމާޔަތް ކޮށްފައި އޮންނަ ކުޅި މުއްސަނދި ކުރަން ތިނަދޫ ސިޓީ ކައުންސިލުން ދޫނިތަކެއް ހިމާޔަތް ކޮށްފިއެވެ.
ދޫނިތަށް ހިމާޔަތް ކުރިކަން އިއުލާނުކޮށް މިއަދު އެ ސިޓީ ކައުންސިލުން ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ބުނީ ތިނަދޫ ސިޓީ ކައުންސިލާއި ތިނަދޫ ދޫނިތައް ގެންގުޅޭ ކޮމިޔުނިޓީ ޒުވާނުން ގުޅިގެން އެ ސިޓީއަކީ ތަފާތު އެކި ވައްތަރުތަކުގެ ދޫނިތައް ރައްކާތެރިކަމާއެކު ދިރިއުޅޭ ހިތްފަސޭހަ މާހައުލަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އެ ގޮތުން އެ މަސައްކަތް ފެށުމަށް ތިން ވައްތަރެއްގެ ދޫނި ހިމާޔަތް ކޮށްފައިވާ ކަން އެ ކައުންސިލުގެ އިއުލާނުގައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސްޕެރޯ ބާޑް ފެމެލީ
- މައިނާ ބާޑް ފެމެލީ
- ޑަކް ފެމެލީ

ތިނަދޫ ކުޅީގައި އަސްދޫންޏެއް-- ފޮޓޯ: އިންސްޓަގްރާމް/ފަޒޫ ރަޝީދު
ތިނަދޫ ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ޚިލާފަށް އެ ދޫނިތައް ހިފާ ނަމަ އެ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަސްރުالله އަލީ ވިދާޅުވީ އެރަށުގައި ހިމާޔަތް ކޮށްފައި އޮންނަ ކުޅިއެއް އޮންނަ ކަމަށެވެ. އަދި އެ ކުޅިއަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ދޫނިތައް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ބައެއް މީހުން އެ ތަކެއްޗަށް އުނދަގުކޮށް އެތަކެތި ހިފާ ހަދާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ ކައުންސިލުން ހެދި މި ގަވާއިދަކީ ދޫނި ރައްކާތެރި ކުރަން ހެދި ގަވާއިދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާތު އެކި ވައްތަރުގެ ދޫނި ކުޅިއަށް އައި ނަމަވެސް އެ ތިން ވައްތަރުގެ ދޫނި ހިމާޔަތް ކުރީ، އެ ދޫނިތަކަކީ އެ ކުޅީގައި މަޑުކޮށް އެތާ އާލާވާ ކަމަށް ފާހަގަ ކުރެވޭ ދޫނިތަކަކަށް ވާތީ ކަމަށް ނަސްރުالله ވިދާޅުވިއެވެ.
"އެތަނަކީ ވަރަށް ހިތްހަމަ ޖެހޭ ވަރަށް ގިނަ ރައްޔިތުން ހިތްހަމަ ޖައްސާލަން ދާތަނެއް. ދެން ކުޅިއަށް އަންނަ ދޫނިތައް ހިމާޔަތް ކޮށްފައި ބެހެއްޓުމުން އެތަން ބަލައިލަންދާ މީހުންނަށް އިތުރު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

ތިނަދޫ ކުޅީގައި ދޫންޏެއް-- ފޮޓޯ:އިންސްޓަގްރާމް/ ނަޑޭއާޓިސްޓް
އިތުރަށް އޭނާ ވިދާޅުވީ މިފަދަ ފިޔަވަޅެއް އެޅުމަކީ ތިނަދޫ އިގުތިސާދަށް ވެސް ފައިދާވާނެ ކަމެއް ކަމަށެވެ.
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ރާއްޖެއަށް ހިޖުރަ ކުރާ އެއްވެސް ބާވަތެއްގެ ދޫންޏެއް ހިފައި، ވިއްކާ އެއަށާއި އޭގެ ހާއްޔަށްވެސް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދީފިނަމަ 501 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.