ސިޑްސް ކޮންފަރެންސްއަށް، ރައީސް މާދަމާ ބާބިއުޑާއަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮޕް 28 ސަމިޓްގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ފުރާވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފިއެވެ.

ކުދި ޖަޒީރާ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެސަކީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން ސިޑްސްގެ ހަތަރުވަނަ ކޮންފަރެންސް އޮންނާނީ އެންޓިގުއާ އެންޑް ބާބިއުޑާގައެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ކޮންފަރެންސްގައި ރައީސް މުއިއްޒު ހަތް ސްޓޭޓްމަންޓެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް އެކި ރޮނގު ރޮނގުން މަޝްވަރާ ކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން، ތިން ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން ބާއްވާނެ ކަމަށެވެ.

މި ތިން ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކްލައިމެޓް އެންވޯއީ އަލީ ޝަރީފް ވިދާޅުވީ ފުރަތަމަ ހަރަކާތެއްގެ ގޮތުން ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ކުރިއަރަމުން އައި ގޮތަށް ބަލައި ރާއްޖޭގެ ތަރައްގީއަށް އެ ބޭނުންކުރަމުން އައީ ކިހިނެއްކަން ބަލާނެ ކަމަށެވެ.

ރާއްޖޭގައި ޑިވަލޮޕްމަންޓް ސެންޓަރުތަކެއް ގާއިމުކުރުމުގެ ތަސައްވަރުތަކެއް ގެންގުޅުއްވާކަން ފާހަގަކުރައްވައި، ދެވަނަ ހަރަކާތެއްގެ ގޮތުން ހުޅުމާލެ ތަރައްގީކުރި ގޮތަށް ބަލާނެ ކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ތިންވަނަ ހަރަކާތެއްގެ ގޮތުން ރީޖަނަލް ސައިޑް އިވެންޓެއް ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒުގެ އަރިހުގައި ވަފުދެއް ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި:

  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު
  • އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • ކްލައިމެޓް އެންވޯއީ އަލީ ޝަރީފް
  • އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު
  • އެމްބެސެޑާ އެޓް ލާޖު ޑރ. އަލީ ނަސީރު މުހައްމަދު

ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން" މިއެވެ.

ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސް މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

comment ކޮމެންޓް