ގައުމިއްޔަތު އިޔާދަކުރަން 'އިސްވަރު' އިފުތިތާހުކޮށްފި

1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ރައީސް މުއިއްޒު ވަނީ ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ މުހިންމު އެއް ގުނަވަން ކަމަށްވާ "އިސްވަރު" އިފްތިތާހުކޮށްދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ "ދިވެހި ގައުމިއްޔަތުގެ އިސްވަރު" މިއަދު އިފުތިތާހުކޮށްފިއެވެ.

އެ މަނިކުފާނު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހު ކޮށްދެއްވީ މިއަދު ދަރުބާރުގޭގައި ބޭއްވި 1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މި އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެއީ، ދިވެހި ބަސް، ދިވެހި ތާރީޚު، ދިވެހި ތަރިކަ، ދިވެހި ސުމޭކު އަދި ދިވެހި ފަންނުގެ ދާއިރާއެވެ.

މި ފަސް ދާއިރާއިން އެކުލެވިގެންވާ ޚާއްސަ ކައުންސިލެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، މި ކައުންސިލުގައި ހިމެނެނީ ދިވެހި ގައުމިއްޔަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަން މަޝްހޫރު ބޭބޭފުޅުންނެވެ.

ދިވެހި ގައުމިއްޔަތުގެ އިސްވަރުގައި ހިމެނޭ އިސްވާރުންނަކީ:

  • ދިވެހި ބަހުގެ އިސްވާރު- މަރިޔަމް ތައުފީގާ
  • ދިވެހި ތާރީޚުގެ އިސްވާރު- ކަށިމާ އަހުމަދު ޝާކިރު
  • ދިވެހި ތަރިކައިގެ އިސްވާރު- ހަސަން ޒަރީރު
  • ދިވެހި ސުމޭކުގެ އިސްވާރު- މުހައްމަދު އަބްދުލްގާދިރު
  • ދިވެހި ފަންނުގެ އިސްވާރު- މަރިޔަމް އިޝާ އަޒީޒް

1446 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން: ރައީސް މުއިއްޒާއި ވަޒީރު އާދަމް ނަސީރު -- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އިސްވަރު، އެ ބަސް އުފައްދާފައިވަނީ ގައުމީ ބަތަލުން އިހުޒަމާނުގައި މި ގައުމަށް ކޮށްދިން ޚިދުމަތްތައް ރަމްޒުކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި، ދިވެހިންގެ ތެރޭގައި ދިވެހި ތާރީޚާއި އަމިއްލަވަންތަކަމަށް ވަރަށް ބޮޑު ޝައުގުވެރިކަން މިހާރު ވެސް ހުރިކަން ފާހަގަކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ގައުމީ ދުވަސް ފާހަގަކުރަމުން މި ފެށޭ ފެށުމަކީ، ދިވެހި ގައުމިއްޔަތަށް ވަރަށް އުންމީދީ ދުވަސްތަކަކަށްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ރައީސް މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެ މަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ. އެ ކަމަށްޓަކައި ރައީސަށް ވަނީ ތައުރީފު ވެސް ކުރައްވާފައެވެ.

އަޅުގަނޑު ގާތު މީހަކު ދެންނެވި އަޅުގަނޑުމެން މި ތިބީ ގައުމިއްޔަތަށާއި ދިވެހިން އަސްލުވަންތަކަން އަލުން އިޔާދަކުރައްވާނެ ރައީސެއްގެ އިންތިޒާރުގައޭ. ރައީސް މުއިއްޒަކީ އެފަދަ ބޭފުޅެއް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

މިއަދުގެ ޖަލްސާގައި ސަރުކާރު ކެބިނެޓުގެ ވަޒީރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް